މާލީ މައްސަލަތައް ދިމާވެ އެމެރިކާގެ އެންމެ ބޮޑެތި ބޭންކުތައް ކަމަށް ވާ ސިލިކަން ވެލީ ބޭންކާއި އާއި ސިގްނޭޗާ ބޭންކް ހުއްޓުމަކަށް އައި ވަގުތު ސްވިސް ބޭންކުގެ ކަސްޓަމަރުން 68 ބިލިއަން ޑޮލަރު ނަގާފައި ވާކަމަށް އެބޭންކުން ފުރަތަމަ ފަހަރަށް ބުނެފިއެވެ.

ސްވިސް ބޭންކަކީ ރާއްޖޭގައި ވެސް މަޝްހޫރު އަދި މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި މާލީ މުއާމަލާތް ހިންގާ ސްވިޒަލޭންޑްގައި 2 ވަނަ އަށް އެންމެ ބޮޑު ބޭންކެކެވެ.

އެބޭންކުން ހާމަ ކުރި ގޮތުގައި މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އެ ބޭންކުގެ ކަސްޓަމަރުން 2.2 ބިލިއަން ސްވިސް ފްރޭންކް (68.6 ބިލިއަން ޑޮލަރު) ނަގާފައި ވާ އިރު އެ ބޭންކްގެ އެސެޓްސް ވަނީ 502 ބިލިއަން ސްވިސް ފްރޭންކަށް ވެއްޓިފައެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހާ އަޅާ ބަލާއިރު 29 ޕަސެންޓުގެ ވެއްޓުމެއް ކަމަށް ވެސް ބޭންކުން ބުނެއެވެ.

އެ ބޭންކުން ބުނީ، އެހާ ބޮޑު އަދަދެއްގެ ފައިސާ ބޭރުވެގެން ދިޔުމާއެކު ވެސް ހާލަތު މިހާރު ހަމައަކަށް އެޅިފައި ވާ ކަމަށާއި ނަމަވެސް ހަމަ މިންގަނޑަށް ނުވަތަ ކުރިން އޮތް ހާލަތަށް އަދި އިއާދަ ނުވާ ކަމަށެވެ.

އެ ބޭންކުގެ ހާލަތު ހަމައަކަށް އެޅުނީ، އެ ބޭންކް ކޮލާޕްސް (ހުއްޓުން) ވިޔަ ނުދިނުމަށް ސްވިޒަލޭންޑްގެ ސަރުކާރުން ހުށަހެޅި 200 ބިލިއަން ސްވިސް ފްރޭންކްގެ ރެސްކިއު ޕެކޭޖް (މާލީ އެހީގެ ޕެކޭޖެއް) އާއި އެގައުމުގެ އެންމެ ބޮޑު ބޭންކް، އާމްދަނީގައި 1.1 ޓްރިލިއަން ޑޮލަރުގެ އެސެޓް ހުރި ޔޫއެސްބީން ސްވިސް ބޭންކް ގަތުމުގެ ފުރުސަތު ދީފައެވެ. އެއާއެކު ވެއްޓެމުން ދިޔަ އަޑިގަނޑުން އަރައިގަތުމަށް މެދުމިންވަރެއްގެ ހައްލެއް ލިބިފައި ވާކަމަށް ބޭންކުން ބުނެއެވެ.

ސިލިކަން ވެލީއާ ހިލާފަށް ސްވިސް ބޭންކާ ގުޅޭ މަނީ ލޯންޑަރިންގެ ކޭސްތަކާ ހެދި ފާއިތުވި އަހަރުތަކުގައި އެބޭންކުގެ ފައިދާ ދިޔައީ ދަށްވަމުންނެވެ. އެގޮތުން ހުސްވި 2022 ވަނަ އަހަރު އާމްދަނީން 7.2 ބިލިއަން މަދުވި ކަމަށް ވަނީ ބުނެފައެވެ. އެއީ 2008 ގައި ދިމާވި މާލީ ކާރިސާ އަށް ފަހު އެ ބޭންކަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އަހަރުވެސް މެއެވެ. ބޭންކުން އަންދާޒާ ކުރާ ގޮތުން، އެ ބޭންކަށް ދެން ފައިދާއެއް ވާން ފަށާނީ 2024 ގެ ފަހުންނެވެ.

މާލީ ތަޖުރިބާކާރު ފްރާންސެސް ކޮޕޮލާ ވިދާޅުވީ، 2022 ވަނަ އަަހަރުގެ ފުރަތަމަ 3 މަސްދުވަހުވެސް ފެނިގެން ދިޔައީ ސްވިސް ބޭންކުގެ ކަސްޓަމަރުން ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުން ދިޔަތަން ކަމަށާއި މިއަހަރުވެސް އެހެން ދިމާވެފައި ވުމުން ބޭންކް އަދި ކިތަންމެ ބޮޑަށް ދެމެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އެމެރިކާގެ ސިލިކަން ވެލީ ބޭންކާއި ސިގްނޭޗާ ބޭންކް ހުއްޓުމަކަށް އައީ ނުވަތަ ކޮލާޕްސް ވީ، އިންޓަރެސްޓް ރޭޓް މަތިވެގެން ދިޔުމާއެކު ބޭންކުގައި ހުރި އެސެޓް ތަކުގެ އަގު ކުއްލިއަކަށް ވެއްޓިގެް ދިޔުމުންނެވެ. އެ ހަބަރާއެކު ސްވިސް ބޭންކަށްވެސް އެހެން ދިމާވެދާނެ ކަމަށް ބަލައި ކަސްޓަމަރުން ފައިސާ ކޮޅު ނަގަން ފެށުމުން އެ ބޭންކަށްވެސް އެހާލަތު މެދުވެރިވީއެވެ.

ސްވިސް ބޭންކް ސަލާމަތް ކުރުމަށް އެގައުމުގެ ސަރުކާރުން ހުށަހެޅި ޕްލޭންގެ ދަށުން ޔޫއެސްބީން ސްވިސް ބޭންކް ގަތުމާއެކު އާމްދަނީ 5 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. ނަމަވެސް ސްވިސް ބޭންކް ވިއްކާލާ މައްސަލައިގައި އާންމު ލޯޔަރުން މިހާރު ގެންދަނީ އެކަން ކުއްލި ގޮތަކަށް ކުރާތީ ސުވާލު އުފައްދާ ކޯޓުގައި ދައުވާ ކުރުމަށް ތާއްޔަރު ވަމުންނެވެ.

ޓެކްސް ދައްކާ ފަރާތްތަކާއި ދެ ބޭންކުގެ ހިއްސާދާރުންވެސް ސުވާލު އުފައްދާ އަދި އެ ފަރާތްތަކުގެ ނުތަނަވަސްކަން އިތުރު ވެފައިވާ ވަގުތެއްގައި ޔޫއެސްބީން ސްވިސް ބޭންކް ގަތުމަކީ ދުނިޔޭގެ މަގުބޫކަން ލިބިފައިވާ ސްވިޒަލޭންޑް ފަދަ މާލީ މަރުކަޒަކަށް ލިބޭނެ ހުތުރު ނަމެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

ޔޫއެސްބީން ސްވިސް ބޭންކް ގަތުމުގެ މުއާމަލާތުގައި މިދިޔަ ހުކުރު ދުވަހާ ހަމައަށް އައި އިރު ބޭންކް ގަންނަން ކަން ފުރަތަމަ ހާމަ ކުރި 2.6 ބިލިއަން ޑޮލަރުގެ ބަދަލުގައި މިހާރު އަގު ވަނީ 8 ބިލިއަން ޑޮލަރަށް އަރާފައެވެ.

މި މުއާމަލާތް މިއަހަރުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައި ވާ އިރު، މި ދެބޭންކުގައި މިހާރު ޖުމްލަ 125،000 މުވައްޒަރުން އެބަތިއްބެއެވެ.