ނިމިދިޔަ އަހަރާ އަޅާ ބަލައިރު މި ފެށުނު 2023 އަކީ ދުނިޔޭގެ ބޮޑު ބަޔަކަށް އިގްތިސޯދީ ހީނަރުކަން އަންނާނެ އަހަރެއް ކަމަށް އައިއެމްއެފް އިން ބުނެފިއެވެ.

އެ ޖަމާއަތުގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓީނާ ޖޯޖީވާ ވިދާޅުވީ، އެމެރިކާ އާއި ޔީޔޫ އަދި ޗައިނާގެ އިގުތިސޯދީ ކުރިއެރުން މަޑުޖެހިފައި ވުމުގެ އަސަރު ދުނިޔޭގެ ތިންބައިކުޅަ އެއްބައި އާބާދީއަށް ކުރާނެ ކަމަށެވެ. މިއާ އެކު ޔޫކްރައިން ހަނގުރާމައާއި ތަކެތީގެ އަގުތައް އުފުލުމާއި އިންޓަރެސްޓް ރޭޓުތައް މަތިވުމުގެ އިތުރުން ޗައިނާގައި ކޮވިޑް ފެތުރުމަކީ އިގްތިސޯދަށް އޭގެ ހިޔަނި އެޅިފައިވާ ކަމެއް ކަމުގައިވެސް އޭނާ ފާހަގަ ކުރައްވައެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިގްތިސޯދީ ތަދުމަޑުކަން މިހާރު އިހުސާސް ކުރަން ނުޖެހޭ ގައުމުތަކަށް ވެސް އެ އިހުސާސް ކުރަން ޖެހޭނެ ކަމަށާއި ސަތޭކަ އެތައް މިލިއަން ބަޔަކަށް އެ އައަސަރު ކުރާނެ ކަމަށެވެ.

ދުނިޔޭގެ އިގުތިސޯދީ ހާލަތު ވަޒަންކުރާ މޫޑީސްގެ އެނަލިސްޓެއް ކަމަށް ވާ ކެތްރިނާ އެލް ބުނެފައި ވާ ގޮތުން އަންނަ އަހަރު ތަދުމަޑުކަމަށް ލުޔެއް ލިބޭނެއެވެ. ނަމަވެސް އަންނަ އަަހަރުވެސް ޔޫރަޕަށް ތަދުމަޑުކަމުން އަރައިނުގަނެވޭނެ ކަމަށާއި، އެމެރިކާ އޮންނާނީ ދޭތެރެ ދެމެދުގައި ކަމަށެވެ. ނުވަތަ އިގުތިސޯދު ރަނގަޅު ވެލައިފައި ގޯސްވެ، ރަނގަޅުވެލާ ހާލަތެއްގައި ކަމަށެވެ.

އައިއެމްއެފް އިން އިތުރަށް ބުނީ، މިއަހަރު ޗައިނާ އާންމުކޮށް ހުޅުވާލި ނަމަވެސް އެގައުމުގައި މިހާރު ފެތުރެއްމުން ދާ ބީއެފް7 ވައިރަހުގެ ސަބަބުން ކުރިއަށް އޮތް ހައެއްކަ މަހުވެސް އިގްތިސޯދީ ކުރިއެރުމެއް ނުފެންނާނެ ކަމަށެވެ. ޗައިނާ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސޯދަށް ވާ އިރު އެ ގައުމަށް އަންނަ ބަދަލުތަކުގެ ސީދާ އަސަރު މުޅި ސަރަހައްދާއި ދުނިޔޭގެ އިގްތިސޯދަށް ކުރެއެވެ. އެއާއެކު ޗައިނާއަށް ޕޮޒިޓިވް ކުރިއެރުމެއް ނުލިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ. ހަމަ އެއާއެކު ދުނިޔޭގެ 1 ވަނަ އިގްތިސޯދު، އެމެރިކާއަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރުވެސް ދުނިޔޭގެ އިގްތިސޯދަށް ކުރާނެއެވެ.

ދުނިޔޭގެ 190 ގައުމެއް ހިމެނޭ އައިއެމްއެފް އަކީ ދުނިޔޭގެ އިގުތިސޯދު ބެލެންސް ކުރުމުގައި ފަންނީ ލަފާ ދިނުމާއި އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޖަމާއަތެކެވެ.

އައިއެމްއެފް އިން އިގްތިސޯދީ އިންޒާރު ދީފައިވާ މިދަނޑިވަޅުގައި ރާއްޖެއާ ބެހޭ ގޮތުން ބުނެފައި ވަނީ، މިއަހަރު ފެންނަނީ އުންމީދީ އިގްތިސޯދެއް ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭނެ ކުރިއެރުން ބޮޑު ވުމާއެކު ހީނަރުކަމުން އަރައިގަނެވޭނެ ކަމަށެވެ. ނަމަވެސް ރިކަރަންޓް ހަރަދުތަކާއި ސަބްސިޑީތަކާއި ބޭކާރު ހަރަދުތައް ފާހަގަ ކޮށް ސަމާލުކަމަށް ގެނެސްފައި ވެއެވެ.