2021 ވަނަ އަހަރު ނިމެން ދަނިކޮށް ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރި އޮމިކްރޯން ވޭރިއަންޓަކީ، އާދައިގެ ވޭރިއަންޓެއް ކަމަށް ބުނުމާ ދެކޮޅަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިންޒާރު ކޮށްފިއެވެ.

އޮމިކްރޯންއަކީ އާދައިގެ ވޭރިއަންޓެއް ކަމަށް ބުނުމާ ދެކޮޅަށް ޑަބްލިއުއެޗްއޯއިން އިންޒާރު ކުރަމުން ބުނެފައި ވަނީ، އޮމިކްރޯން ވޭރިއަންޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން މަރުވަމުން ދާ ކަމަށެވެ.

ދާދި ދަހުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި އޮމިކްރޯން ވޭރިއަންޓަކީ، މީގެ ކުރިން ފެންމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އެހެން ވޭރިއަންޓްތަކާ އަޅާ ބަލާއިރު، ބަލި ޖެހޭ މީހާގެ ހާލަތު ސީރިއަސް ފައްތަރަކަށް ގެންދިއުން ނާދިރު ވޭރިއަންޓްއެކެވެ.

ނަމަވެސް އޮމިކްރޯން ވޭރިއަންޓް ފެތުރިގެން ދިއުމާއެކު، ސިއްހީ ނިޒާމުގެ ހިދުމަތްތައް ހިފަހައްޓާލުމަށް ގައުމުތަކުގެ ސަރުކާރުތަކަށް ވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައި ކަމަށް، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ވިދާލުވެފައެވެ.

ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި ފާއިތުވީ ހަފުތާގައި، ދުނިޔޭގެ ނިސްބަތުން ކޭސް އިތުރުވި މިންވަރު އުޅެނީ 71 ޕަސެންޓްގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ތެރެއިން، ބަލި ހާލަތު އެންމެ ސީރިއަސް ވެފައި ވާ ކޭސްތަކުގެ 90 ޕަސެންޓް މީހުންނަކީ ކޮވިޑުން ދިފާއުވާން ވެކްސިން ޖަހާފައި ނުވާ މީހުން ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

އޮމިކްރޯން ވޭރިއަންޓަކީ އިންތިހާ ފަސޭހަކާމާއި ހަލުވިކަމާއެކު، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި ފަތުރާ ވޭރިއަންޓްއެކެވެ. ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހުންނަށްވެސް މި ވޭރިއަންޓްގެ އަސަރު ފޯރައެވެ. ނަމަވެސް، ކޮވިޑުން ދިފާއުވުމަށްޓަކާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުން، މި ބަލީގައި ހާލަތު ސީރިއަސްވެސް ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ.