ޗައިނާގައި 3 ވަނަ އަށް އެންމެ ބައިބޯ ޝަހަރު ކަމަށް ވާ ހެނާންގެ 90 ޕަސެންޓް މީހުންނަށް ކޮވިޑް ޖެހިއްޖެ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އެ ޝަހަރުގެ ޕްރޮވިންޝަލް އޮފިޝަލް ކާން ކްއަންޗެންގް ވިދާޅުވީ، މިހާރު 88.5 މިލިއަން މީހުންނަށް ކޮވިޑް ޖެހިއްޖެ ކަމަށާއި އެއީ އެ ޝަހަރުގެ އާބާދީގެ 90 ޕަސެންޓް ކަމަށެވެ.

ހެނާންގައި އެހާ ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް ޖެހުނު އިރެއް އޭނާ ހާމައެއް ނުކުރައްވަައެވެ. ނަމަވެސް ކޮވިޑް ޒީރޯގެ ސިޔާސަތެއް ތަންފީޒު ކުރަމުން ދިޔަ އިރު އެގައުމުގައި ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަރަށް މަދެވެ. އެހެން ކަމުން މިހާ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވި ކަމަށް ބެލެވެނީ ކޮވިޑް ޒީރޯގެ ސިޔާސަތަށް ލުއި ދީ ފިޔަވަޅުތައް އުވާލުމުންނެވެ.

ގާތްގަނޑަކަށް 3 އަހަރު ވާންދެން ގައުމު ބަންދުކޮށްގެން ތިބުމުގެ ސަބަބުން އެކި އެކި ޕްރޮވިންސްތަކުގައި އާންމުން ވަނީ މުޒާހަރާތައް ކޮށްފައެވެ. އަދި ބެރިކޭޑްތައް ފަޅާލައި ފުލުހުންނާ ކުރިމަތިލައިފައި ވެސް ވެއެވެ.

ހެނާންގައި އެހާ ބައިވަރު ބަޔަކު ޕޮޒިޓިވް ވި އިރު ކާން ވިދާޅުވެފައި ވަނީ މި ހުސްވި ޑިސެމްބަރު 19 ވަނަ ދުވަހަކީ އެންމެ ގިނަ ކޭސް ރިޕޯޓު ކުރި ދުވަސް ކަމަށެވެ.

ޗައިނާގެ މައި ސަރުކާރުން ހާމަ ކޮށްފައި ވާ ހިސާބުތައް ދައްކާ ގޮތުން ކޮވިޑް ޒީރޯގެ ސިޔާސަތު އުވާލި ފަހުން މިވީ މުއްދަތުގައި 1.4 ބިލިއަން މީހުންގެ އާބާދީއަކުން ޕޮޒިޓިވް ވީ އެންމެ 120،000 މީހުންނެވެ. އަދި މަރުވެފައި ވަނީ 30 މީހުންނެވެ.

މި އަދަދުތަކާ މެދު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި އެހެން ބައެއް އިދާރާތަކުން ސުވާލު އުފެއްދި ނަމަވެސް ޗައިނާއިން އެކަމާ އެއްޗެއް ބުނެފައެއް ނުވެއެވެ. އެއާ ހިލާފަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިން ވިދާޅުވެފައި ވަނީ ކޮވިޑް ޒީރޯގެ ސިޔާސަތުތައް ލުއިކޮށް ގައުމު ހުޅުވާލީ ދުރާލާ ރޭވިފައި އޮތް ގޮތަށް ހަރުދަނާ ސިޔާސަތުތަކަކާ އެކު ކަމަށެވެ.

އިއްޔެ އާންމުކޮށް ޗައިނާ ހުޅުވާލުމާއެކު އެތައް ހާސް ބަޔަކު ވަނީ ޗައިނާ އަށް ގޮސްފައެވެ. އަދި ޗައިނާއިން ނުކުމެ ޗުއްޓީއަށާއި އެނޫން ބޭނުންތަކަށް ދަތުރު ކުރާ ޗައިނާގެ މީހުންވެސް ވަނީ ބޮޑުތަކުން އިތުރުވެފައެވެ.

އިއްޔެ ޗައިނާ ހުޅުވާލި އިރު މިއީ ޗައިނާއިން ފާހަގަ ކުރާ ލޫނާ ނިއުއިޔާގެ ފެށޭ މޫސުމެވެ. މި މޫސުމުގައި އެކިގައުމުތަކުގައި ތިބޭ ޗައިނާ މީހުން އާއިލާގެ ގާތަށް ދަތުރު ކުރާނެއެވެ. އެގޮތުން ގާތްގަނޑަކަށް 2 ބިލިއަން ދަތުރު ކުރާނެ ކަމަށް އަންދާޒާ ކުރެއެވެ.