ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ ވައިގެ ދަތުރުކުރާ ފަރާތްތަކުން އަމަލު ކުރަން ސަރުކާރުން އެކުލަވާލާފައި ވާ ސިޔާސަތު މުރާޖާކޮށް އަލުން އިއުލާން ކޮށްފިއެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަންގެ ފަރާތުން ނެރުނު މި ސާކިއުލާގެ އެންމެ ބޮޑު އެއް ބޭނުމަކީ ފަސިންޖަރުންނާއި ފަތުރުވެރިން އެތެރެވުމާ ގުޅޭގޮތުން ރާއްޖޭގައި އަޅާފައިވާ އެންމެ ފަހުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެއާލައިންތަކަށާއި އެއާކްރާފްޓް އޮޕަރޭޓަރުންނާއި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމެވެ.

ޖުލައި 15، 2020 އިން ފެށިގެން ރާއްޖެ ހުޅުވާލި ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ބަދަލެއް ނާންނަކަން ފާހަގަ ކުރެވެއެވެ. މި ފަހުން ނެރުނު ސާކިއުލާގައި ވާގޮތުން، ފްލައިޓްގައި ދަތުރުކުރާއިރު ބޯޓް އެތެރޭގައި މާސްކް އެޅުމަށާއި، ބޯޓްގައި އިންދާ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ބޯޓްގެ ކްރޫއިންގެ ލަފާއާއި އިރުޝާދުގެ މަތިން ކަންކަން ކުރުމުގެ އިތުރުން ޓާމިނަލްތެރޭގައި ވެސް މާސްކް އެޅުމަށާއި ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ޓާމިނަލްގައި އިންްދާ ފާހަގަ ވެއްޖެނަމަ ލަސްނުކޮށް ޓާމިނަލް ގެ ހެލްޕް ޑެސްކަށް އެކަން އެންގުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

އޭގެ އިތުރުން ރާއްޖެ އައުމަށް އެދޭ ހުރިހާ ފަސިންޖަރުން ވެސް ފުރުމުގެ 96 ގަޑިއިރުގެ ތެރޭގައި ޓްރެވަލާ ޑިކްލަރޭޝަން ފޯމް ފުރުމަށް ފަހު އިމިގްރޭޝަންގެ ޕޯޓަލް ކަމަށްވާ "އިމުގަ" އަށް ހުށަހެޅުމުގެ އިތުރުން ކޮވިޑް އިން ދިފާއުވުމަށްޓަކައި ޖަހާ ވެކްސިން ސެޓިފިކެޓް ނުވަތަ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހިފައިގެން ނޫނީ ދަތުރު ނުކުރުމަށް އަންގާފައި ވެއެވެ.

އަދި ރާއްޖެއަށް ފަތުރުވެރިން އައުމުން އޮން-އެރައިވަލް ވިސާ ދިނުމަށް ހަމަޖެހިފައި ވީ ނަމަވެސް ރިޒަވޭޝަން ހަމަޖައްސާފައި ވާ ހޮޓަލެއްގެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެ ސާކިއުލާގައި ވެއެވެ. އަދި ބިދޭސީންގެ އަތުގައި އިމިގްރޭޝަން އިން ދޫކުރާ ސައްހަ ވިސާއެއް އޮންނަން ޖެހޭނެ ކަމަށް ވެސް ވެެއެވެ.

ޖެނުއަރީ 17، 2023 ފެށިގެން މި ސާކިއުލާގައި ވާ އުސޫލުތައް ތަންފީޒު ކުރަން ފަށާފައި ވާއިރު މި ދަނޑިވަޅަކީ، ކޮވިޑް ގެ ސަބަބުން އިގްތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ދާ ދަނޑިވަަޅެކެވެ.

އަދި ޗައިނާގެ ބޯޑަރު ހުޅުވާލުމާއެކު ރާއްޖެ އައި ފުރަތަމަ ފްލައިޓް ދާދި ފަހަކުން ޖައްސާފައި ވާއިރު، ޗައިނާ އަކީ މިވަގުތު ކޮވިޑް އާ ވޭރިއަންޓް އޮމިކްރޯންގެ ބީއެފް7 އެންމެ ބާރަށް ފެތުރެމުން ދާ ގައުމެވެ. އަދި ޔޫރަޕާއި ކައިރިން އިންޑިއާިން ވެސް މި ޥޭރިއަންތް ފެނިފައި ވާ އިރު އޮމިކްރޯންގެ އިތުރު ވޭރިއަންޓެއް ކަމަށް ވާ އެކްއެކްސްބީ1.5 ވެސް ދަނީ ފެތުރެމުންނެވެ.

މި ވޭރިއަންޓްތައް ނުފެނި ނުވަތަ އެސިމްޕްޓަމެޓިކް މީހުންވެސް އެއްތަނުން އަނެއް ތަނަށް ދަތުރު ކުރާ އިރު، ރާއްޖެއަށްވެސް އައުމަކީ އެކަށީގެން ވާ ކަމެކެވެ. ނަމަވެސް މިހާތަނަށް މި ވޭރިއަންޓް ރާއްޖެއިން ފެނުނު ކަން އެޗްޕީއޭއިން އިއުލާން ކޮށްފައެއް ނުވެއެވެ.