ކޮވިޑާ ގުޅިގެން ގައުމު ބަންދުކޮށްގެން ތިބޭތާ 3 އަހަރު ފަހުން މިއަދު އާންމުކޮށް ޗައިނާ ހުޅުވާލުމާއެކު އެތައް ހާސް ބަޔަކު ޗައިނާއަށް އެތެރެ ވެއްޖެއެވެ. އެއާއެކު ޗައިނާއިން ބޭރަށް ނުދެވިފައި ތިބި އެތައްހާސް ބަޔަކުވެސް ވަނީ މިއަދު އެހެން ގައުމުތަކަށް ގޮސްފައެވެ.

ޗައިނާ އާ އިންވެގެން އޮންނަ ބައެއް ގައުމުތަކުން މިއަދު އެތައްހާސް ބަޔަކު ޗައިނާއަށް އެތެރެވެފައި ވާ އިރު ޗައިނާގައި ތިބި އާއިލާގެ މީހުންނާ ބައްދަލުކުރަން ދަތުރު ކުރާ އެތައް ބަޔަކު ބޯޑަރު ސަރަހައްދަށް ޖަމާވަމުންވެސް އެބަދެއެވެ. ބަސްތައް ފުރާ ބޯޑަރު ހުރަސް ކުރަމުން ދާ އިރު އޭގެ ތެރެއިން ބައެއް މީހުން ބުނެފައި ވަނީ އާއިލާ ނުފެނި 5 އަހަރު ހުރެވިއްޖެ ކަމަށާއި އާއިލާގެ ގާތަށް ދެވޭތީ އުފަލުން ފޮޅިފައި ވާ ކަމަށެވެ. އެހެން މީހަކު ރޮއިޓާސް އަށް ބުނެފައި ވަނީ، އޭނާގެ އާއިލާއާ ބައްދަލުނުވާތާ އަހަރުތަކެއް ވެފައި ވާ ކަމަށާއި އާއިލާގެ މެންބަރަކު ބަލިވެ އުޅުނު ނަމަވެސް އެ ފުރުސަތު ނެތުމުން ނުދެވި ހުރީ ކަމަށެވެ.

މިއަދު ޗައިނާ އާންމު ކޮށް ހުޅުވާލައި ކަރަންޓީންވެސް އުވާލާފައި ވީ ނަމަވެސް 48 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ގެންދަން ޖެހެއެވެ.

އެއާއެކުވެސް އެތައް ހާސް ބަޔަކު ޗައިނާއަށް ދަތުރު ކުރަމުން ދާ އިރު، ޗައިނާ މި ހުޅުވާލީ އެމީހުން ފާހަގަ ކުރާ ލޫނާ ނިއުއިޔާގެ ފެށޭކޮޅު އަންނަ "ޗުން ޔުން" މޫސުމެވެ. އެއީ، ގައުމުން ބޭރުގައި ތިބޭ ޗައިނާގެ މީހުން ޗުއްޓީއަށް ދާ މޫސުން ކަމަށް ވާ އިރު މިދިޔަ 3 އަހަރުގެ ތެރޭގައި ގައުމަށް، އާއިލާގެ ގާތަށް ނުދެވި ތިބި މީހުންނާއި ޗައިނާއިން ބޭރަށް ނުނުކުމެވިފައި ތިބި މީހުން 2 ބިލިއަނެެއްހާ ދަތުރު ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ޗައިނާއަށް އެނބުރި ދާން ބޭނުންވާ މީހުންނާއި ޗައިނާއިން ބޭރަށް ޗުއްޓީއަށް ދާން ބޭނުންވާ މީހުންގެ ކިޔުތައް ދިގު ކަމަށާއި ދަތުރުފަތުރުގެ ބަނދަރުތައް ފުރާލާފައި ވާކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޗައިނާގައި ކޮވިޑް ޒީރޯ ސިޔާސަތެއް ތަންފީޒު ކުރަމުން ދާތާ 3 އަހަރު ވެފައި ވާ އިރު، ރައްޔިތުންގެ ރުޅިވެރިކަމާއި އެކިއެކި ފަރާތްތަކުގެ ފާޑުކިޔުންތަކާ ހެދި ގައުމު ހުޅުވާލަން ނިންމި ވަގުތަކީ އޮމިކްރޯންގެ ވޭރިއަންޓެއް ކަމަށް ވާ ބީއެފް7 ޗައިނާގައި ފެތުރެމުންދާ ދުވަސްވަރެކެވެ. އެ ވައިރަހުގައި ދުވާލެއްގެ މައްޗަށް މިލިއަނެއްހާ މީހުން ޕޮޒިޓިވް ވާ ކަމަށް ބައިނަލްއަގުވާމީ ބައެއް އިދާރާތަކުން ބުނި ނަމަވެސް ޗައިނާއިން ބުނަނީ ޕޮޒިޓިވް ކޭސްތައް ވަރަށް މަދު ކަމަށެވެ. ސީދާ ސާފު އަދަދުތަކުގެ މައުލޫމާތު ނުލިބުނު ނަމަވެސް، ޗައިނާގެ ކޮވިޑްގެ ހާލަތާ ގުޅޭ މައުލޫމާތު އާންމުކޮށް، ފާޑުކިޔާތީ ސޯޝަލްމީޑިއާގެ 1000 އެކައުންޓެއް ވަނީ މި ހިނގާ ހަފްތާގައި ބަންދުކޮށްފައެވެ.