މީގެ 3 އަހަރު ކުރިން ފެނުނު ކޮރޯނާވައިރަސް ޗައިނާގެ އާބާދީގެ 64 ޕަސެންޓަށް ޖެހިފައި ވާ ކަމަށް ޕެކިން ޔުނިވާސިޓީގެ ދިރާސާއެއްގައި ބުނެފިއެވެ.

ކޮވިޑްގެ އާ ވޭރިއަންޓްތައް ފެންނަމުން ދާ އިރު މިހާރު އެންމެ ބާރަށް ފެތުރޭ އޮމިކްރޯންގެ ބީއެފް7 ގެ ވައިރަސް ވަނީ މުޅި ޗައިނާ އެކީހެން ހިފާފައެވެ. ގެންޝޫ ސަރަހައްދުން 91 ޕަސެންޓް މީހުން ޕޮޒިޓިވް ވެފައި ވާ އިރު ޔުނާން ޕްރޮވިންސުން 84 ޕަސެންޓް މީހުން އަދި ކިންގާއި އިން 80 ޕަސެންޓް މީހުން ޕޮޒިޓިވް ވެފައި ވާ ކަމަށް ރެޕޯޓުގައި ބުނެއެވެ.

ޗައިނާގައި ހިނގަމުން މިދަނީ މިމަހުގެ 21 ވަނަ ދުވަހު ފެށޭ ލޫނާ ނިއުއިޔާގެ ފުރަތަމަ މަރުހަލާއެވެ. މި އީދުގައި ބައިވެރިވުމަށް ގައުމުން ބޭރުގައި ތިބި ޗައނާގެ އެތައް ހާސް ބަޔަކު ވަނީ ދަތުރު ފަށާފައެވެ. ޗައިނާ އާ އިންވެގެން އޮންނަ ބައެއް ގައުމުތަކުން އެއްގަމު މަގުންވެސް މިލިއަނެއްހާ މީހުން ޗައިނާއަށް ވަންނާނެ ކަމަށް އޮފިޝަލުން ލަފާ ކޮށްފައި ވާ އިރު، ސިއްހީ މާހިރުން ވިދާޅުވަނީ، މި ލޫނާ ނިއުއިޔާގައި ރަށްފުށު ހިސާބުގައި ވައިރަސް ފެތުރޭ މިންވަރު ބޮޑުތަނުން އިތުރު ވާނެ ކަމަށެވެ.

ސީއެންއެންއިން އާންމު ކުރި ބައެއް ވީޑިއޯ އަދި ފޮޓޯތަކުން ފެންނަގޮތުން، ޗައިނާގެ ގިނަ ހޮސްޕިޓަލްތަކާއި މީހުން މަރުވީމައި އަންދާ ކްރިޓޯރިއަމްތައް ވެސް ވަނީ ސަންދޯކުން ފުރިހަފައެވެ. އެތައް ސަތޭކަ ބަޔަކު ކިޔުގައި ތިބި މަންޒަރު ވަނީ ދައްކާފައެވެ. ހޮސްޕިޓަލްތަކުގެ ކޮރިޑޯތަކަށް ދާންދެން، އެނދުއެނދުތަކާއި އަށިތަކުގެ އިތުރުން ތަޅުންމަތީގައި މީހުން ތިބިތަން ވެސް ފެނެއެވެ.

މި ހިނގާ ޖެނުއަރީ 8 ވަނަ ދުވަހު ޗައިނާ އާންމުކޮށް ހުުޅުވާލުމާއެކު އެތައް ބަޔަކު ދަނީ ޗުއްޓީއަށްޓަކައި ޗައިނާ ދޫކޮށް އެތައް މަންޒިލަކަށް ދަތުރު ކުރަމުންނެވެ. ބައެއް މީހުން ރާއްޖެއަށް ވެސް އަންނަ އިރު ދުނިޔޭގެ އެތަން މިތަނަށް ޗައިނާގެ ރައްޔިތުން ދަނީ ޒިޔާރަތް ކުރަމުންނެވެ.

ޗައިނާގައި ކޮވިޑްގެ ވައިރަސް ފެތުރޭލެއް ބާރުކަމުން ޗައިނާއިން އެހެން ގައުމުތަކަށް ދަތުރު ކުރާ އިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް ގެންދަން ބައެއް ގައުމުތަކުން އަންގާފައި ވެސް ވެއެވެ. އޭގެ ތެރޭގައި އިންޑިއާ، އެމެރިކާގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކާއި ޖަޕާން، ދެކުނު ކޮރެއާ ފަދަ ގައުމުތައްވެސް ހިމެނެއެވެ.