މުޅި ދުނިޔޭގެ އާބާދީގައި ހިމެނޭ ކޮންމެ މެންބަރަކަށް ތަކުރާރުކޮށް ވެކްސިން ޖަހައި ދިނުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން ކަމަށް ބުނެ، އިނގިރޭސިވިލާތުގެ ސައެންސްވެރިއަކު، ބޫސްޓާ ޑޯޒްއާ ދެކޮޅަށް ވާހަކަދައްކަވައިފިއެވެ.

ބޫސްޓާ ޑޯޒްއާ ދެކޮޅަށް ވާހަކަދައްކަވާފައި ވަނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ފެންމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ވެކްސިން ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވި އިނގިރޭސި ސައެންސްވެރިޔާ، ޕްރޮފެސާ އެންޑްރޫ ޕޮލާޑްއެވެ.

އޮކްސްފޯޑް ވެކްސިން ގުރޫޕުގެ ޑައިރެކްޓާ އަދި ވެކްސިން ޖެހުމާ ބެހޭ އިނގިރޭސިވިލާތުގެ ކޮމިޓީގެ އިސްވެރިޔާ، ޕްރޮފެސާ ޕޮލާޑް ވިދާޅުވީ، ކޮންމެ 4 ނުވަތަ 6 މަހަކުން މުޅި ދުނިޔޭގެ އެންމެނަށް ވެކްސިން ޖަހައިދެވޭކަށް ނޯންނާނެ ކަމަށާ، އެ ކަމަކީ ދެމެހެއްޓެނިވި ކަމަކަށް ނުވާއިރު، އެއީ މާލީ ގޮތުން ބަލާއިރުވެސް ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.

އަސްޓްރާޒެނީކާ ވެކްސިން ތަރައްގީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ޕްރޮފެސާ ޕޮލާޑް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރި އޮމިކްރޯން ވޭރިއަންޓާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ގައުމުތަކަކުން، ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒްއަށް އަމާޒު ހިފާފައި ވާ ދަނޑިވަޅެއްގައެވެ. އިޒްރޭލުން ސިއްހީ މަސައްކަތްތެރިންގެ އިތުރުން، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް 4 ވަނަ ޑޯޒްއެއް ދޭންވެސް ނިންމާފައެވެ.

ޕްރޮފެސާ ޕޮލާޑް ވަނީ، 12 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖެހުމުގެ ބަދަލުގައި، އާބާދީގެ ގިންތިތަކުން، ނާޒުކު ހާލުގައި ވާ ގިންތިތަކަށް އިސްކަން ދިނުމަށް ގޮވާލައްވާފައެވެ.

މި މޭރުމުން ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަދައްވަމުން ޕްރޮފެސާ ޕޮލާޑް ވިދާޅުވީ، ނާޒުކު ގިންތިތަކުގައި ތިބި މީހުންނަށް އިތުރު ޑޯޒް ދޭން ޖެހޭތޯއާ، ދޭން ޖެހޭ ކަމުގައި ވަނީ ނަމަ، އެއީ ކިހާ މުއްދަތަކުން ނުވަތަ ކިހާ އަވަސް އަވަހަކަށް ދޭން ޖެހޭ ޑޯޒްއެއްތޯ ބެލުމަށް އިތުރު ހޯދުންތައް ހޯދާ، ތަފާސް ހިސާބުތައް ބޭނުން ވާ ކަމަށެވެ.

މީގެ އިތުރުން، ސްކައި ނިއުސްއަށް ވަކިން ދެއްވި ބަސްދީގަތުމެއްގައި ޕްރޮފެސާ ޕޮލާޑް ވަނީ، ވެކްސިން ސަޕްލައި ކުރުމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހަމަހަކަން ނެތް ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން، ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި، ފުރަތަމަ ޑޯޒް ޖެހުމުގެ ފުރުސަތު ލިބިފައި ވަނީ، އާބާދީގެ އެންމެ 10 ޕަސެންޓް މީހުންނަށް ކަން ޕްރޮފެސާ ޕޮލާޑް ވަނީ ފާހަގަ ކުރައްވާފައެވެ. މިފަދަ ހާލެއްގައި ވަނިކޮށް، ބަޔަކު 4 ވަނަ ޑޯޒްއަކަށް ދިއުމަކީ، ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށްވެސް އެނާ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ)އިންވެސް މިދިޔަ ހަފުތާގައި ވަނީ މިފަދަ ރޫހެއްގައި ކަންބޮޑުވުން ފާޅު ކޮށްފައެވެ.