މި ފަހަކަށް އައިސް އެކި ހާދިސާތަކުގައި ޒުވާނުން ގެއްލުމާއި މަރުވުމަކީ އަޑު އަހާއަހާ ބާވެފައިވައި އަޑަކަށް ވިޔަސް އެ އަޑުތަކަކީ ދިގު ދެމިގެންދާ ވޭނެއްގެ ގޮތުގައި މައިންނަށް ސިފަވާ ރިހުމެކެވެ. އެގޮތުން ކަނޑުމަތީގެ ހާދިސާތަކުގައި ގިނަ ޒުވާނުންތަކެއްގެ ފުރާނަ ގެއްލިފައި ވާއިރު މިދިޔަ ހުކުރު ދުވަހު ބޯވާ ނަގަން ގޮސް އުޅެނިކޮށް ގެއްލުނު ހދ. ކުމުންދޫ އުމުރުން 21 އަހަރުގެ ޝުރައިހު ހަސަންގެ ވާހަކައަކީ އާ އަހަރާ ދިމާކޮށް ގިނަ ބަޔަކު ހާސްކޮށްލި ވާހަކައަކަށް ވިއެވެ.
މި ހިތާމަވެރި ހިތްދަތި ދަނޑިވަޅުގައި އެ ވޭނީ ރިހުމުގައި ހުރެމެ "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޝުރައިހުގެ މަންމަ ބުނީ އެންމެ ފަހުން އޭނާއާ ވާހަކަ ދެއްކީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ކަމަށާއި ދެން ހުކުރު ދުވަހު ހެނދުނު 10 ޖެހި އިރު އަޑުއިވުނީ ގެއްލުނު ކަމުގެ ހަބަރު ކަމަށެވެ. މައެއްގެ ހިތަށް ކެތް ނުވާނެކަން ޝުރައިހުގެ މަންގެ އަޑު ހެކިދެމުން ދިޔަ އިރު، ޝުރައިހުގެ މަންމަ ބުނީ އޭނާ އައީ އެސްޓީއޯ ވެހިކަލް ގަރާޖުގައި ޓްރޭނިން އެއް ފުރިހަމަކުރަން ކަމަށެވެ. އަދި ދިރިއުޅެމުން ދަނީ ތަނަވަސް އާއިލާއެއްގެ ބައެއްގެ ކައިރީގައި ވިލިމާލޭގައި ކަމަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޝުރައިހުގެ ބައްޕަ ވެސް ބުނީ ބުރާސްފަތި ދުވަހުގެ ހަވީރު ގުޅައިގެން ވަރަށް ރީއްޗަށް ވާހަކަދެއްކި ކަމަށެވެ. އަދި ޝުރައިހު އާ އެކު ދިޔަ މީހުން ގުޅައިފައި ބުނީ ޝުރައިހު ގެއްލުނީ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށާއި އެއީ ގުޅިފަޅުން ކަމަށްވެސް ޝުރައިހުގެ ބައްޕަ ކިޔައިދިނެވެ.
ޝުރައިހު އަކީ ކާކު؟
މި ދަތުރުގައި ޝުރައިހު ބައިވެރިވީ ޑިންގީ ދުއްވި ކައްޕި، މުހައްމަދު ގާސިމާއި ފަޔާޒު ޔޫސުފާ އެކުގައެވެ. މި ދަތުރުގައި ބައިވެރިވި ފަޔާޒު ޔޫސުފް "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ އޭނާ އުޅެމުން ދަނީ ޝުރައިހު އުޅޭ ގެއާއި 2 ގެ ދޫކޮށްފައި ހުންނަ ގެއެއްގައި ކަމަށާއި މިހާރު ވިލިމާލޭގައި އޭނާ ކުއްޔަށް އުޅޭތާވެސް 15 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. ވިލިމާލޭގައި ޝުރައިހު ދިރިއުޅެމުން ދަނީ ގޭގައި ގެންގުޅޭ ކުއްޖެއްގެ ގޮތުގައި ކަމަށާއި އެ ގޭގެ ވެރިންނަކީ ރަށްރަށުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކުގެ ކުދިންނާއި ކިޔެވުމުން މަހުރޫމްވެފައި ތިބޭ ކުދިން ގެނެސް އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން ގެންގުޅޭ ބައެއް ކަމަށް ފަޔާޒު ބުންޏެވެ. ފަޔާޒު ބުނީ ޝުރައިހު، އެ ގޭގައި އުޅޭތާ 4 އަަހަރު ވެއްޖެ ކަމަށާއި އޭނާގެ އިތުރުން މިހާރުވެސް ރާއްޖެތެރޭގެ ރަށެއްގެ ޔަތީމު ކުއްޖަކުވެސް އެ ގޭގައި އުޅޭ ކަމަށެވެ.
އެސްޓީއޯގެ ވެހިކަލް ގަރާޖުގެ އިތުރުން މުހައްމަދު ގާސިމާއި ޝުރައިހު ވިލިމާލޭގައި ހުންނަ ކޮމިއުނިޓީ ގާޑަންގެ 3 ޕްލޮޓެއްގައި ވެސް މަސައްކަތް ކުރާ ކަމަށާއި މީގެ ކުރީ ހުކުރުވެސް ޝުރައިހުއާއެކު މަސައްކަތް ނިންމާފައި މޫދަށް ދިޔަކަމަށެވެ. ޝުރައިހު ދިރިއުޅެމުން ދިޔަ ގޭ މީހުންނަކީ އެ މީހުންގެ ގާތް ބައެއް ކަމަށާއި އެ މީހުން ބޭސްފަރުވާގެ ކަމަކު ރާއްޖެއިން ބޭރުގައި ތިބިކަން ފާހަގަ ކުރަަމުން ފަޔާޒު ބުނީ އެ މީހުން ދިޔައީ މުހައްމަދާއި ފަޔާޒަށް، ޝުރައިހުގެ ކަންކަން ގާތުން ބެލުމަށް ހަވާލު ކޮށްފައި ކަމަށެވެ.
ފަޔާޒު ބުނީ ޝުރައިހު އަބަދުވެސް ފަސް ވަގުތު ނާޅާ ނަމާދުކުރާ ކަމަށާއި އޭނާ އަކީ އަހުލާގު ރަނގަޅު މަޑުމައިތިރި މިޒާޖެއްގެ މީހެއް ކަމަށެެވެ. އެހެންނަމަވެސް އެކީގައި އުޅޭ މީހުންނާއެކު މަޖާކޮށް ސަކަރާތް ވެސް ޖަހާ ކަމަށް ފަޔާޒު ކިޔައިދިނެވެ. މީގެ އިތުރުން ޝުރައިހު ދިރިއުޅޭ ގޭގެ މީހުންވެސް ޝުރައިހުއަށް ނަމާދުކުރަން ވަަރަށް ބޮޑަށް ބާރު އަޅާ ކަމަށްވެސް ފަޔާޒު ބުންޏެވެ.
ބޯވާ ނަގަން ދިޔައީ ކީއްވެ؟
އާއިލާ ކުއްޖަކަށް ފެތުމުގެ މުބާރާތަކުން ވަނައެއް ލިބިގެން އާއިލާއިން ބާއްވާ ޕާޓީއަކަށް ބާބަކިއު ހެދުމަށް ފަޔާޒު ދިޔައީ ތައްޔާރު ވަމުންނެވެ. އަދި އެ ބާބަކިއުއަށް ބޯވާ ގަންނަން ލިބޭނެ ތަނެއް ޝުރައިހުއާއި މުހައްމަދު ގާސިމް ކައިރިން އެހި ކަމަށް ފަޔާޒު ކިޔައިދިނެވެ.
ފަޔާޒު ބުނީ އެ ދަތުރަކީ އެ ބާބަކިއުއަށް ބޭނުންވާ ބޯވާ ނަގަން ވެގެން ނިންމައިގެން ކުރި ދަތުރެއް ކަމަށާއި އެ ދަތުރު ރޭވީ، ހުކުރު ދުވަހު ވަރަށް ހެނދުނާ ގޮސް ހުކުރަށް އަންނަ ގޮތަށް ކަމަށެވެ.
ފަޔާޒު ބުނީ ބުރާސްފަތި ދުވަހުގެ ރޭ، ހުކުރު ދުވަހުގެ ދަތުރަށް ބޭނުންވާ ކޮއްތު ހަމަކުރަން ފިހާރައަށް ދިޔަ ކަމަށާއި ގަތް ފުޅިއާއި ދަޅާ އެ ނޫންވެސް ކާތަކެތި ހަވާލު ކުރީ ޝުރައިހުއާ ކަމަށެވެ. ފަޔާޒު ބުނީ ހުކުރު ދުވަހު ފަތިހު ޝުރައިހު އަށް ގުޅި ކަމަށާއި، ނަމާދު ކޮށްގެން ގުޅާ ކަމަށް ބުނި ކަމަށެވެ. ދަތުރު ދިއުމަށް 3 މީހުންވެސް ގެއިން ނިކުތީ 5:30 ހާއިރު ކަމަށާއި ނިކުތީ ފަޔާޒުމެން ގެއިން ފިންސާއި މާސްކާއި ދަގަނޑު ހިފައިގެން ކަމަށާއި އަދި މުހައްމަދު މެން ގެއިން ޑިންގީއަށް އަޅަން ތެޔޮ ހިފައިގެން ކަމަށް ފަޔާޒު ކިޔަދިނެވެ.
ބޯވާ ދަތުރުގައި ވީ ކިހިނެއް؟
ދަތުރަށް ފުރިފަހުން ކަން ހިނގާ ދިޔަގޮތް ކިޔައިދެމުން ފަޔާޒު ބުނީ ފުރައިގެން ވިލިމާލެ ވަށާ ދުއްވާލި ކަމަށާއި އެއީ ވަދާ ދިއުމުގެ ގޮތުން ނަނު ދޫކޮށްލައިގެން ކަމަށެވެ. ފަޔާޒު ބުނީ ވިލިނގިލި ވަށާލައިފައި ގޮސް ތިބީ ތިލަފުއްޓާ ދިމާލުން ގުޅީފަޅު ނެރުން ވަދެގެން ގޮސް ދެކުނު ފަރާތުން މެދަކާ ހިސާބުގައި ކަމަށެވެ.
ފަޔާޒު ބުނީ ހަނދާން ނެތިގެން ޝުރައިހު ދިޔައީ ފެން ފުޅިތައް ނުލާ ކަމަށާއި ފަޔާޒު، ކޮފީ ދަޅެއް އަދި މުހައްމަދު އެކްސެލް ދަޅެއް ބުއިއިރުވެސް ޝުރައިހު އެއްވެސް އެއްޗެއް ނުބޯކަމަށެވެ.
ދެން އޭނާ މޫދަށް ފުރަތަމަ ފޭބި ގަޑި ސީދާ ނޭނގޭ ކަމަށާއި ފުރަތަމަ ފީނަން ފޭބީ މުހައްމަދު ކަމަށާއި އޭރު އޭނާއާ ޝުރައިހު ތިބީ ޑިންގީގައި ކުޑަކޮށް ވާހަކަ ދައްކާލަން ކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ފިންސާއި މާސްކާ އަޅައިގެން، ކޮންމެ މީހަކު އަތަށް ދަނގަޑެއް ލައިގެން މޫދަށް ފޭބީ ކަމަށް ފަޔާޒު ބުންޏެވެ. އެހިސާބުން މަހެއް ފެނިގެން، ގޭ މަސް ޓޭންކަށް ލާން ގެންދަން ރަނގަޅުވާނެއޭ ކިޔާ ޝުރައިހު ސަމާސާ ކުރި ކަމަށް ވެސް ފަޔާޒު ބުންޏެވެ.
ފަޔާޒު ބުނީ އެ މީހުން ފޭބިއިރު މުހައްމަދު ތަންކޮޅެއް ދުރުގައި ބޯވައެއް ނަގައިގެން އޮވެ، އަދި އެތާ އެއް ބޯވާ އޮތް ކަމަށް އަތުގެ އިޝާރާތުން ދައްކާ އަންނާށޭ ބުނަމުން ދިޔަ ކަމަށާއި ޝުރައިހު ވެސް އަވަސްވެ ގަތީ، އޭނާ ދަގަނޑު ޖަހައިފާ އޮތް މަހާއި ދަގަނޑު ފަޔާޒު އަތަށް ދީ ފަޔާޒު އަތުގައި އޮތް ދަގަނޑު ހިފައިގެން މުހައްމަދު ކައިރިއަށް ދިއުމަށް ކަމަށެވެ.
ފަޔާޒު ބުނީ އެ ވަގުތު ޑިންގީއާ ދިމާލަށް އޭނާ މިސްރާބު ޖެހިކަމަށާއި އެހެންނަމަވެސް ޑިންގީއާ ހިސާބަށް ނުފޯރާ، ކުއްލިއަކަށް އުފެދުނީ ވަރުގަދަ އޮއިވަރެއް ކަމަށެވެ.
ފަޔާޒު ބުނީ އެ މީހުން ތިބި ހިސާބުގައި އެ އޮއޮވަރުގެ އެއްވެސް ކަހަލަ ނިޝާނެއް ނެތުމުން ވަގުތުން ނަގަން އުޅުނު ބޯވާވެސް ދޫކޮށްލައިފައި ދެ މީހުން ވެސް ފީނައިގަތީ އޭނާއާ ދިމާލަށް ކަމަށެވެ އަދި ކުރިއަށް ދާން އުދަނގޫ ކަމުން ދެ މީހުން ގަލެއްގެ މަތީ މަޑު ކުރުމަށް އިރުޝާދު ދީ މުހައްމަދު ދިޔައީ ޑިންގީ ހިފައިގެން އަންނަން ކަަމަށެވެ. އެހެން ބުނުމަށް ފަހު މުހައްމަދު ޑިންގީއާ ދިމާލަށް މިސްރާބު ޖެހިކަމުގައި ވިީ ނަމަވެސް އެ ހިސާބަށް ނުދެވި ދޮޅު ގަޑިއެއް ހާއިރު ހޭދަވެގެން 3 މީހުންވެސް ދިޔައީ "ބޮޑު ހަނގުރާމައެއް" ގެ ތެރޭގައި ކަމަށާއި އެކަކު އަނެކަކަށް އަތް ނުލެވި 3 މީހުން 3 ދިމާލަކަށް ދިޔަ ކަމަށް ފަޔާޒު ކިޔައިދިނެވެ.
ފަޔާޒު ބުނީ ޑިންގީ އޮތް ހިސާބާއި މާ ކަނޑާ 50 ފޫޓު ދުރުމިން ހުންނާނެ ކަަމަށާއި އެހެންނަމަވެސް އޭނައާއި ޝުރައިހު، މާކަނޑާ 15 ފޫޓު ކައިރިއަށް އެ އޮއިވަރުގައި ގެންދިޔަ ކަމަށެވެ.
ފަޔާޒު ބުނީ ދެން ދެ މީހުންނަށްވެސް އެރުނީ ގަލެއްގެ މައްޗަށް ކަމަށާއި ޝުރައިހު ހުރީ އޭނާއާ 5 ވަރަކަށް ފޫޓު ދުރުގައި އޮތް ގަލެއްގެ މަތީގައިި ކަމަށެވެ. ފަޔާޒު ބުނީ ގާމަތީ ހުއްޓާ އަކުނިވަޔަށް ދަމާ ވާހަކަ ޝުރައިހު ކައިިރީ ބުނި ކަމަށެވެ.
ފަޔާޒު ބުނީ އެހެން ހުރި ހުރުމުގެ ތެރޭގައި އަންނަ ރާޅު ބާނީގައި އެއްގަލުން ނެއްޓި އަނެއްގާ މައްޗަށް އެރޭ ވަގުތުތައްވެސް އަންނަ ކަމަށާއި މުހައްމަދުވެސް އަޑިއަށް ގޮސް ނާރާ ވަގުތު ކޮޅެއް ދިޔަ ކަމަށެވެ. އަދި ދެން އަޑިން އަރާ ހޮޑުލާތަންވެސް ފެނުނު ކަމަށާއި މުހައްމަދުގެ އަތުން ފިންސާއި މާސްކު ދޫވެެގެން ދިޔަތަންވެސް ފެނުނު ކަމަށެވެ. ފަޔާޒު ބުނީ އޭގެ އިރުކޮޅެއްގެ ފަހުން ޝުރައިހުވެސް އަކުނިވަޔަށް ދަމާ ވާހަކަ ބުނި ކަމަށެވެ.
ފަޔާޒު ބުނީ އެހެން ބުނިތާ މާ ގިނައިރެެއް ނުވެ ރާޅެއް އެ މީހުންގެ ބޯމަތިން ބިންދާލައި، އޮއިވަރު ރީއްޗަށް ބާނި ތަކާއެކު ބޭރަށް ދަމައިގެން ކަމަށެވެ. އަދި އެވަގުތު އޭނާގެ ވާތު ފިންސު އޮތީ ގަލުގައި ތާށިވެފައި ކަމަށާއި ދަގަނޑު ގަލަށް ހަރާފައި ހުރުމުން އޭނާ ބޭރަށް ދަމައި ނުގަނެ ސަލާމަތް ވީ ކަމަށެވެ.
އޭގެ 15 ވަރަކަށް މިނެޓް ފަހުން މުހައްމަދު ޑިންގީއަށް އަރާ ފުރަތަމަވެސް ބެލީ ޝުރައިހު ހޯދަން ދެ ތިން ބުރު ޖެހޭތޯ ކަމަށާއި އެއަށް ފަހު ގޮސް ފަޔާޒު ނެގީ ކަމަށް އޭނާ ބުންޏެވެ.
ލޯންޗަށް އެރި ގޮތަށް އަރާ ފޯނު ބެލި އިރު ހެނދުނު 8:24 ވެފައިވާކަން ފާހަގަ ކުރަމުން ފަޔާޒު ބުނީ އެންމެ ބޮޑު ގޮންޖެހުމަކަށް ވީ އޭނާ ފޯނު ނުލާ ދިއުން ކަމަށާއި ޝުރައިހުގެ ފޯނުގެ ޕެޓާން އެނގޭ މީހެއް ނެތުން ކަމަށެވެ. އަދި އެމަންޖެންސީ ކޮށް ގުޅަން ޝުރައިހު ފޯނުން މަސައްކަތް ކުރި ނަމަވެސް ގުޅޭ ގޮތް ނުވި ކަމަށް ފަޔާޒު ބުންޏެވެ.
ޝުރައިހު ގެއްލިގެން ހޯދުން
ފަޔާޒު ބުނީ ދެންވެސް ޝުރައިހު ފެނޭތޯ ދެތިން ބުރު ޖަހައިފާ އެނބުރި ވިލިނގިއްޔަށް ދިޔައީ ފޯނެއް އަތުޖެހޭތޯ ކަަމަށާއި ތޮށިގަނޑު މައްޗަށް ފުންމާލި ގޮތަށް ދުވެފައި ކަހަލަ ގޮތަކަށް މުހައްމަދު ފޯނު ހިފައިގެން އައުމުން، ވަގުތުން ޝުރައިހު ގެއްލުނު ތަނަށް ދިއުމަށް މިސްރާބު ޖެހީ ކަމަށެވެ. އަދި އެ ވަގުތު ދިޔައީ މެރިން ޕޮލިހަށާއި ވިލިމާލެ ޕޮލިސް އަދި ކޯސްޓް ގާޑަށް ރިޕޯޓު ކުރަމުން ކަމަށް ވެސް ފަޔާޒު ބުންޏެވެ. އެ ސަރަހައްދާ ވަރަށް ކައިރީގައި މެރިން ޕޮލިސް ހަރަކާތްތެރި ވަމުން ދިޔަ ވަގުތެއް ކަމުން ވަރަށް އަވަހަށް އެތަނަށް އެމީހުން އައި ކަން ފަޔާޒު ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރި ހުރިހާ އުޅަނދެއް ހުއްޓުވާ އެ ވާހަކަ ބުނަމުން ދިޔަ ކަމަށްވެސް ފަޔާޒު ކިޔައިދިނެވެ.
ފަޔާޒު ބުނީ އެ ވަގުތު ޝުރައިހު އަރައިގެން ހުންނާނީ ރަތް ކުލައިގެ ފިންސަކަށް ކަމަށާއި އެ ފިންސުގައި ބޮންޑަމާކަރަކުން "ހަމްނާ" ޖަހައިފާ އޮންނާނެ ކަމަށެވެ. އަދި ޝުރައިހު ގެއްލުނު ވަގުތު އޭނާގެ ނިތްކުރިމަތީގައި އަޅައިފާ އޮންނާނީ ނޫކުލައިގެ މާސްކެއް ކަމަށާއި އަޅި ކުލައިގެ ޓީޝާޓެއް ލައިފައި ހުރިއިރު އެއް އަރި މަތީ ފިޔާތޮށި ކުލައިން ދެ ރޮނގު އޮންނާނެ ކަމަށެވެ.
ފަޔާޒު ބުނީ އެ ފިންސަކީ ޝުރައިހު އުޅޭ ގޭ މީހުންގެ ފަހާތާގައި ފަހަން ގެންގުޅޭ ބިދޭސީ މީހާ، އެއް ދުވަހު މޫދަށް ގޮސްފައި އޭނާ ހޮވައިގެން އައި ފިންސެއް ކަމަށާއި ޝުރައިހު އަތުގައި ފިންސެއް ނޯންނާތީ އެ ފިންސް ނެގީ ކަމަށެވެ.
ފަޔާޒު ބުނީ ސުރައިހު ފެނޭތޯ އަލިހުރަސް ކަނޑާ ވާދޫ ކަނޑާ ދޭތެރެއިން ދުއްވާފައި ދަނިކޮށް މުހައްމަދު މެއަށް ތަދެއް އަރައިގެން އޭނާ ހޭވާރިކަން ނެތިގެން ވެއްޓުނީ ކަމަށާއި ކޯސްޓް ގާޑުން ލޯންޗު ފޮނުވާ މުހައްމަދު އެމަޖެންސީގައި ވިލިމާލެ ހޮސްޕިޓަލަށް ފޮނުވި ކަމަށެވެ. ދެން ފަޔާޒުމެން ދަތުރުކުރި ޑިންގީ ފުލުހުންގެ އެހީތެރިކަމާއެކު ވިލިމާލެއަށް ގެންދިޔަ ކަމަށްވެސް އޭނާ ކިޔައިދިނެވެ.
ޝުރައިހު ގެއްލުނު ހަބަރު ދިނުން
ފަޔާޒު ބުނީ ޝުރައިހު ދިރިއުޅެމުން ދިޔަ ގޭގެ، ރާއްޖެއިން ބޭރުގައި ތިބި މީހުންނަށް އެ ހަބަރު ދިން ކަމަށާއި އެ ގޭ މީހުން ވަނީ ޝުރައިހުގެ އާއިލާއަށް އެ ހަބަރު ފޯރުކޮށްދީފައެވެ. އަދި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދައިގެން އެ އާއިލާގެ މީހުން ފަޔާޒު އަށް ގުޅަމުން ދާ ކަަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނީ އޭނާގެ ހަޔާތުގައި މިފަދަ ބިރުވެރި 3 ހާދިސާއަކާ ކުރިމަތިވި ކަމަށާއި އެހެންނަމަވެސް އެންމެ ހިތާމަވެރި އެންމެ ހިތަށް ނުކުޅެދުނު ހާދިސާއަކީ މި ހާދިސާ ކަމަށެވެ. ފަޔާޒު ބުނީ މި ހާދިސާ އެންމެ ކައިރިން ފެނުނު އިރު މީހަކު މަރަށް ރޮއި އާދޭސް ކުރަމުން ދިޔަ އިރު އޭނާއަށް އެހީތެރިކަން ފޯރުކޮށް ދޭނެ މީހަކު ނެތި އޭނާއަށް އެހެން މީހަކަށް އެހީތެރިކަން ފޯރު ނުކޮށްދެވި ބީވެގެން ދިޔަ ދިއުމުގެ މަންޒަރު ފެނިގެން ދިޔަ ކަމަށެވެ.
އެމްއެންޑީއެފުން އަންނަނީ ޝުރައިހު ހޯދުމުގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުނެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓް ގާޑު ނޫރައްދީން ލޯންޗާއި ހާބާ ކްރާފްޓް ލޯންޗް އަންނަނީ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން ޑައިވްކޮށްގެން 55،000 އަކަމީޓަރު ބަލާފައިވާ ކަމަށާއި ސްނޯކަލް ކޮށްގެން 36،000 އަކަމީޓަރު ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ގޯހެއް އެބައުޅޭހެން ހީވޭ... ރަނގަޅަށް ތަޙްޤީޤު ކުރަން ގޮވާލަން..