ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހްތިފާލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިލްތިމާސްކުރައްވައިފިއެވެ.

އީދު ދުވަހުގެ މުނާސަބަތުގައި އީދުގެ ތަހުނިޔާ ދަންނަވައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައިވެސް އަދި ހިޠާބުގައިވެސް އެމަނިކުފާނު ވަނީ، ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖްތިމާއީ ރޫހާ އެއްބައިވަންތަކަން އާލާކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ބާރު އަޅުއްވާފައެވެ.

"ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާ، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާ، ގާތްތިމާގެކަމާ ރަހްމަތްތެރިކަން އިތުރަށް ބަދަހިކުރުމާ، ދަރީންނަށް ރިވެތި ނަމޫނާއާ ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، އީދުގެ ހަގީގީ ޒީނަތްތެރިކަމެވެ." އެމަނިކުފާނުގެ ހިޠާބުގައި ވިދާޅުވެފައިވެއެވެ.

އަޟްޙާ އީދުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވަނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯތްބާއި، ކުލުނު ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފަލަސްތީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވާފައެވެ. ހަމަ އެއާއެކު، އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ صلى الله عليه وسلم ސިފަ ކުރައްވާފައިވަނީ، ގަދަފަދަ ބިނާއެއްގެ ގޮތުގައިކަން އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ހިތާބު ނިންމަވާލައްވާފައިވަނީ ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު އީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.