ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ އޭޓީއާރު މަރުކާގެ ފަސް ވަނަ ބޯޓު ރާއްޖެ އައުމަށް ދަތުރު ފަށާފައިވާކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަނުން މިއަދު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އާ އޭޓީއާރު 600-42 މަރުކާގެ ބޯޓޫ، ރާއްޖެއަށް ދަތުރުކުރުމަށް ފްރާންސްގެ ޓޫލޫޒްއިން ފުރާފައިވާކަމަށެވެ.
އެ ދަތުރުގައި ގްރީސްގެ ހެރަކްލިއަން އާއި އިތުރު ދެ މަންޒިލަކަށް ޖައްސާނެކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ. އިތުރަށް މޯލްޑިވިއަން އިން ބުނީ މި ބޯޓުގައި ކެޕްޓަން އަބްދުﷲ ނާފިޒު އާއި ކެޕްޓަން އަލީ ޔާނިޝް އަދި އިންޖިނިއާރު އިބްރާހީމް ވާއިޒް މުހައްމަދު ދަތުރުކުރަމުން އަންނަކަމަށެވެ. މި ފްލައިޓް ރާއްޖޭގައި ލޭންޑް ކުރާނެ ވަކި ތާރީހެއް މޯލްޑިވިއަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މޯލްޑިވިއަން އިން ބޭނުންކުރަމުން އަންނަ ޑޭޝް-8 މަރުކާގެ ބޯޓުތައް ގިނަ ދުވަސްވެ، މެއިންޓެއިން ކުރަން އުނދަގޫވުމާއި ގުޅިގެން އޭޓީއާރު ފްލީޓަކަށް ބަދަލުކުރަން ނިންމާފައިވާއިރު މިހާރުވެސް އެ މަރުކާގެ 4 މަތިން ބޯޓު މޯލްޑިވިއަން އިން އަންނަނީ ބޭނުން ކުރަމުންނެވެ. އެގޮތުން މިހާރު ބޭނުންކުރަމުން އަންނަ ބޯޓުތަކުގެ ތެރޭގައި ހިމެނެނީ ޖެނުއަރީ 2023 ގައި ގެނައި އޭޓީއާރު-72ގެ 2 ބޯޓު، އޭޕްރީލް 2023 ގައި ގެނައި އޭޓީއާރު-42ގެ ބޯޓެއްގެ އިތުރުން މެއި 2024ގައި ގެނައި އޭޓީއާރު-42ގެ ބޯޓެވެ.