ދުއާއަކީ ދިވެހިރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް ﷲގެ އޯގާވަންތަކަމާއި ރަހްމަތާއި ނިއުމަތް ގިނަގުނަ ކޮށްދެއްވައި، އަމާންކަމާއި ދުޅަހެޔޮކަމާއި ވިޔަވަތިކަން ތާއަބަދުމެ ދެއްވުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ 1446 ވަނަ އަހަރުގެ ބަރަކާތްތެރި އަރަފާތު ދުވަހު، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި މިއަދު ހެނދުނު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ކޮންމެ ރައްޔިތެއް ވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން އެދިވަޑައިގެން ދުއާދަންނަވާ ކަމަށެވެ. އަދި ކޮންމެ ހައްޖުވެރިއަކަށް މަބްރޫރު ހައްޖެއް މިންވަރު ކުރައްވައި، ކޮންމެ މުސްލިމެއްގެ ދުއާ އިޖާބަ ކުރެއްވުން އެދި ރައީސް ދުއާ ދަންނަވާފައިވެއެވެ.

މީގެއިތުރުން އެންމެންގެ ހެޔޮ އަމަލުތައް ގަބޫލު ކުރައްވައި، ދުނިޔެއާއި އާހިރަތުގައި ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދިވަޑައިގެން ދުއާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ލެހެއްޓުވުމަށް ރައީސް ވަނީ ދުއާ ދަންނަވާފައެވެ.

ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިވަގުތު ތިއްބެވީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާގައެވެ. ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއި އެ ވަފުދުގެ ބައެއް މެންބަރުންގެ އަނބިއަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ސައޫދީ އަރަބިއްޔާގެ ސަރުކާރުންނެވެ.