ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ މިއަދުގެ ފާގަތިކަމާއި މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ގައުމީ ޒިންމާއެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެކްސް ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ ދެވަނައެއް ނެތް ޗާލު މާހައުލެއް އޮތުމުން ކަމުގައެވެ. އަދި ދިވެހީންނަށް އާމުދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާ ވަނީ ކަނޑުތަކުގެ ދިރުމާއި ރަށްތަކުގެ ރީތިކަމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު ފާހަގަކުރާ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ 'ބީޓް ޕްލާސްޓިކް ޕޮލިއުޝަން'އެވެ. މި ޝިއާރުގެ މަގުސަދަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ލިބޭ ގެއްލުމަށް އަލިއަޅުވާލައި އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމެވެ.

ޕްލާސްޓިކު އަދި ޕްލާސްޓިކުން އުފައްދާފައިވާ ތަކެތި ބޭނުންކުރުން ވަރަށް ބޮޑަށް އިތުރުވެފައިވީ ނަމަވެސް ޕްލާސްޓިކަކީ އޭގެ ޒާތުގައި ތިމާވެއްޓާއި ދިރޭތަކެތީގެ ނަސްލުތަކާއި އިންސާނުންގެ ސިއްހަތަށް ނުހަނު ގެއްލުންދޭ އެއްޗެކެވެ.

އެގޮތުން ދުނިޔޭގައި އަހަރަކު ހަތަރު ސަތޭކަ މިލިއަން ޓަނަށް ވުރެ ގިނަ ޕްލާސްޓިކުގެ ބާވަތްތައް އުފައްދައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 19-23 މިލިއަން ޓަނުގެ ޕްލާސްޓިކު ދުނިޔޭގެ ކަނޑުތަކާއި ކޯރުތަކަށް އުކާލެވި މީގެ ސަބަބުން އެ މާހައުލުތައް ތަގައްޔަރު ކުރަމުންދާ ކަމުގައި ކަމުގެ މާހިރުން ދަނީ ފާހަގަކުރަމުންނެވެ.