ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގަތުމުގެ އެންމެ މައި ތަޅުދަނޑިއަކީ ތަގުވާވެރިކަން ކަމަށް، ހައްޖު ހުތުބާގައި ބުނެފިއެވެ.
މި އަހަރުގެ ހައްޖު ހުތުބާ ދެއްވީ އިމާމް ޝައިޚް ޑރ. ސާލިހު ބިން އަބްދުﷲ ބިން ހުމައިދެވެ. މި އަހަރުގެ ހުތުބާގައި މާތް ﷲ ގެ އެންމެހާ އަމުރުފުޅުތަކަށް ތަބާވެ އެކަލާނގެ އަށް ބިރުވެތިވުމަށާއި، ދީނުގައި ސާބިތުވެ ހުރުމަށް ގޮވާލައްވާފައިވެއެވެ.
"ތަގްވާވެރިކަމަކީ ދުނިޔެއާއި އާހިރަތުގައި ބާއްޖަވެރިކަން ލިބިގަތުމަށް އޮތް އެންމެ މައި ތަޅުދަނޑި،" ހުތުބާގައި ޝައިހް ވިދާޅުވިއެވެ.
ޝައިހްގެ ހުތުބާގައި އިސްލާމްދީނުގެ އަސާސްތައް ހަނދާންކޮށްދެއްވައި، ދީން ބެހިގެންވާ ދަރަޖަތަކާއި އީމާންތެރިކަމާ ގުޅޭގޮތުން ހުލާސާގޮތެއްގައި ވާހަކަ ދައްކަވަމުން، އިހްސާންތެރިކަން އިސްކޮށް މުސީބާތްތަކަށް ކެތްތެރިވުމަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން ފަރުޟު ފަސް ނަމާދަށް ފަރުވާތެރިވުމަށާއި ދީނުގެ ރުކުންތައް އަދާކުރުމަށް ގޮވާލެއްވިއެވެ. އެގޮތުން މާތް ﷲ އަށް ބިރުވެތިވާ ހާލު ނަމާދުކުރުމަށް ނަސޭހަތްތެރިވެވަޑައިގެން، މިސްކިތުގެ ޖަމާއަތުގައި ބައިވެރިވުމުގެ ސަބަބުން އެކުވެރިކަން އާލާވާނެކަން ފާހަގަކުރެއްވިއެވެ. އަދި މާތް ﷲ އެންގެވި ގޮތަށް މުދަލުން ފަގީރުންނަށް ހޭދަކުރުމުގެ މުހިންމުކަމާއި ޒަކާތްދިނުމުގެ މުހިންމުކަމަށް ވެސް ހުތުބާގައި އަލިއަޅުވާލެއްވިއެވެ.
ހަމަ އެހެންމެ ތިމާއަށް ނުބައިކޮށް ކަންކަން ކުރި މީހާ އަށް ވެސް ހެޔޮކޮށް ހިތުމަށް ގޮވާލެއްވިއެވެ.
މިއަދުގެ ހުތުބާގައި ވަނީ ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވި މީހުންނަށް ރަހްމަތް ލައްވައި ޣައްޒާގެ ރައްޔިތުން އަނިޔާވެރިކަމުން ސަލާމަތްކުރުމަށް ދުއާކުރައްވައިފައެވެ. އަދި އެންމެހާ ހައްޖާޖީންގެ ހައްޖު ގަބޫލުކޮށްދެއްވުމަށާއި، މުސްލިމުންގެ ފާފަތައް ފުއްސަވައިދެއްވުމަށް އެދި ވެސް ދުއާކުރައްވާފައިވެއެވެ.
ހައްޖު ހުތުބާއަށް ފަހު ހައްޖާޖީން ވަނީ މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ގަސްރުކޮށްފައެވެ. އެއަށްފަހު އިރުއޮއްސެންދެން އަރަފާތު ބިމުގައި ތިބުމަށް ފަހު މުޒްދަލިފާއަށް ދާން ހައްޖާޖީން ނިކުންނާނެއެވެ.