އާސަންދައިން ހޯދާ ހިދުމަތުގެ ތަފްސީލް ބަލާލެވޭ "އާސަންދަ" މޯބައިލް އެޕްލިކޭޝާން ތައާރަފު ކޮށްފިއެވެ.

"އާސަންދަ" މޯބައިލް އެޕްލިކޭޝަނަކީ އެމީހަކު އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ހިދުމަތުގެ ތަފްސީލް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި ހިދުމަތަށް ރެޖިސްޓްރީވުމުން އެމީހަކު ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލް ފެންނައިރު ބޭސް ސިޓީތަކުގެ ތަފްސީލްތައްވެސް ފެންނާނެއެވެ. މީގެ އިތުރުން އެމީހަކު ހޯދާފައިވާ ހިދުމަތްތަކަށް ހަރަދުވާ މިންވަރުވެސް ފެންނާނެއެވެ.

މި އެޕް އިފްތިތާހްކޮށްދެއްވީ އާސަންދަ ކުންފުނީގެ 10 ވަަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމްއެވެ. އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާ ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެއެވެ.

މީގެއިތުރުން އާސަންދަ ކުންފުނިންވަނީ އާސަންދައިން ހިދުމަތެއް ހޯދުމުން ފޯނަށް ނޮޓިފިކޭޝަން އަންނަގޮތްވެސް ހަދާފައެވެ. މި ހިދުމަތުގައި އާސަންދައިން ހޯދި ހިދުމަތާ ހިދުމަތް ހޯދި ތަނާއި ހަރަދުވި ފައިސާގެ އަދަދު މެސެޖުން ލިބޭނެއެވެ. މެސެޖް ލިބޭނީ އާސަންދަ ހިދުމަތުގައި ރެޖިސްޓްރީކޮށްފައިވާ ފޯން ނަންބަރަށެވެ.