ޕްރައިވެޓް އިންޝުއަރެންސެއް އޮންނަ މީހުންނަށް އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫނީ އާސަންދަ ނުދޭން ނިންމި ނިންމުން ބަދަލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ހިދުމަތް ހޯދަން ދާ ފަރާތްތަކަށް ބިލު ކުރުމަށް އެންމެ ފުރަތަމަ ޗާޖުކުރަނީ އަމިއްލަ އިންޝުއަރަންސުންނެވެ. އެއަށްފަހު އަމިއްލަ އަތުން ފައިސާ ދައްކަން ޖެހުނު ބައިން އާސަންދައިން ކަނޑައި އަމިއްލަ ޖީބުން ދައްކަން ޖެހުނު އަދަދު މަދުވި ކަމަށް މައުލޫމާތު ލިބެއެވެ.

ޕްރައިވެޓް އިންޝުއަރަންސް އޮންނަ މީހުންނަށް އެ އިންޝުއަރަންސްގެ ލިމިޓް ހަމަވުމުން ނޫނީ އާސަންދަ ނުދޭން ނިންމީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެ ބަދަލު ގެނައި އިރު ޕަރައިވެޓް އިންޝުއަރަންސް ދޭ ފަރާތްތައް ކޭޝްލެސް ހިދުމަތް ދިނުން ވެސް މެދުކަނޑާލިއެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވުމުން ފަހުން ޕަރައިވެޓް އިންޝުއަރަންސް ދޭ ތަންތަނުން ކޭޝްލެސް ހިދުމަތްވެސް ބަލައިގަންނަން ފެށިއެވެ.

މި ބަދަލު ގެނެސްފައިވާ އިރު އަދި އާސަންދައިން ވަކި ޖަވާބެއް ނުލިބޭތީ މި ބަދަލު ގެނައި ސީދާ ތާރީހެއް ވެސް ސާފުވާ ގޮތެއް ނުވެއެވެ.