އާސަންދައިގެ ދަށުން ހޮސްޕިޓަލުތަކުން ދެމުން އަންނަ ހިދުމަތްތައް ރެކޯޑް ކޮށް ބެލެހެއްޓުމަށް ދައުލަތުގެ އެކައުންޓިން ނިޒާމުގެ ތެރެއިން ވަކި ގޮތެއް ކަނޑައަޅާފައި ނުވާ ކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައި ވަނީ، ޑރ. އަބްދުއްސަމަދު ހޮސްޕިޓަލްގެ 2022 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރު ކޮށް އިއްޔެ އާންމު ކުރި ރިޕޯޓުންނެވެ.
އެ ރިޕޯޓްގައިވާ ގޮތުގައި 2022 ވަނަ އަހަރު އާސަންދައިގެ ދަށުން އެ ހޮސްޕިޓަލުން ދީފައިވާ ހިދުމަތްތަކަށް ވިނަވި ޕޯޓަލް އިން އާސަންދައަށް 21،896،004 ރުފިޔާގެ އިންވޮއިސް ފޮނުވާފައި ވެއެވެ. ނަމަވެސް އިންވޮއިސް ކުރުން ފިޔަވައި އެ ފައިސާއާ ގުޅޭ އިތުރު އެކައުންޓިން އެންޓްރީތައް ފުރިހަމަކޮށްފައި ނުވެއެވެ. އަދި އެ ފައިސާ އެ ހޮސްޕިޓަލަށް ލިބިފައި ނުވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެއެވެ.
އެއީ އެ ހޮސްޕިޓަލަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނަން ޖެހޭ އަދަދެއް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އާސަންދައިގެ ދަށުން ހޯދާ ހިދުމަތްތަކަށް ހޮސްޕިޓަލްތަކުން ކުރާ އިންވޮއިސްތަކަށް އާސަންދައިން ފައިސާ ނުދައްކާ ގޮތަށް ދައުލަތުގެ ނިޒާމުގެ ތެރެއިން ކަނޑައަޅާފައިވާ ނަމަ އެ ޓްރާންސެކްޝަންތަކުން ރިކޯޑް ކުރާނޭ ގޮތެއް ކަނޑައަޅާފައި އޮންނަން ޖެހޭ ކަމަށް އެ އޮފީހުން ބުނެއެވެ.
ނަމަވެސް އާސަންދައިގެ ދަށުން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ބިލް ފޮނުވާފައިވާ އަދަދަކީ ހޮސްޕިޓަލްތަކަށް ލިބެންޖެހޭ ފައިސާއެއްގެ ގޮތުގައި ރިކޯޑްކުރަން ޖެހޭ އަދަދެއް ކަމެއް ނުވަތަ ދައުލަތުގެ ނިޒާމުގެ ތެރެއިން މި ފައިސާއަކީ އާސަންދައިން ހޮސްޕިޓަލްތަކަށް ދައްކަން ނުޖެހޭ ފައިސާއެއް ގޮތަށް ކަނޑައަޅާފައިވާ އަދަދެއްކަން ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އެގޮތުން އާސަންދައިގެ ދަށުން ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ރިކޯޑްކުރުމުގައި އަމަލުކުރާ އުސޫލެއް ދައުލަތުގެ އެކައުންޓިން ނިޒާމުގެ ތެރެއިން ވެސް ކަނޑައަޅާފައި ނުވާ ކަން ފާހަގަކުރެވުނު ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އެކަން ޔަގީން ކުރުމަށް އޮޑީޓާ ޖެނެރަލް އޮފީހުން ވަނީ ފިނޭންސް މިނިސްޓްރި އާއި ހެލްތް މިނިސްޓްރީ އާއި އާސަންދަ ކުންފުނީގެ އިތުރުން އެންސްޕާއާއެކު މުއާމަލާތް ކޮށްފައެވެ.
އެހެންކަމުން އެކި ހޮސްޕިޓަލުން އެކި ގޮތްގޮތަށް އެއްކަހަލަ ޓްރާންސެކްޝަންތައް ރިކޯޑްކޮށް ބެލެހެއްޓުމަކީ އެކަށިގެންވާ ކަމެއް ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. އަދި މިއީ އެކައުންޓިން އުސޫލުތަކާ ހިލާފްކަމެއް ކަމަށް ވާ އިރު، މީގެ ސަބަބުން މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭނެ ކަމަށް އެ އޮފީހުން ފާހަގަ ކުރެއެވެ.
މިކަން އިސްލާހު ކުރުމަށް އެ ރިޕޯޓުގައި ވަނީ، ފިނޭންސް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ އާއި އާސަންދަ ކުންފުންޏާއި، އެންސްޕާ އަދި އެހެނިހެން ހޮސްޕިޓަލްތަކާ މަޝްވރާ ކުރުމަށް ފަހުް އާސަންދައިގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް ރިކޯޑްކުރާނެ ނިޒާމެއް ކަނޑައަލައި އެ ނިޒާމާ އެއްގޮތަށް އާސަންދައިގެ ހަރަދުތައް ރެކޯޑްކުރަމުން ގެންދިއުމަށް ލަފާ ދީފައެވެ.