އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މެލޭޝިއާގައި ތައުލީމު ހާސިލުކުރާ އެހެން ގައުމުތަކުގެ ދަރިވަރުންގެ އަތުން ޓެކްސް ނެގުމަށް ނިންމައިފިއެވެ.
މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެގައުމުގެ ކޮލެޖު، ޔުނިވާސިޓީ، ޕްރީ ސްކޫލް އަދި އެހެނިހެން ތައުލީމީ ސެންޓަރުތަކުން ތައުލީމު ހާސިލުކުރަމުންދާ ބޭރުގެ ދަރިވަރުންގެ އަތުން ސާވިސް ޓެކްސް ފީގެ ގޮތުގައި 6 އިންސައްތަ ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.
އިތުރަށް އެ މިނިސްޓްރީން ބުނީ މި ޓެކްސް އަކީ އަމިއްލަ މުއައްސަސާތަކަށް އަމާޒުކޮށްގެން ނަގާ ޓެކްސްއެއް ކަމަށާއި މިއީ އާމްދަނީ އިތުރުކުރުމަށް ނަގަން ފަށާ ޓެކްސްއެއްކަމަށެވެ. މެލޭޝިއާގެ ރައްޔިތުން މި ޓެކުހުން އިސްތިސްނާވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާއިރު މި ޓެކްސްގެ ސަބަބުން 2025 ވަނަ އަހަރުގެ ނިޔަލަށް ބައިނަލްއަގްވާމީ 250،000 ދަރިވަރުން ގެނައުމަށް މެލޭޝިއާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ބުރޫއަރާނެކަމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.
މެލޭޝިއާގެ ރިވައިޒްޑް ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ) ގަވާއިދުގެ ދަށުން ޓިއުޝަންގައި އަހަރަކު 60،000 ރިންގިޓް ޗާޖުކުރާ އަމިއްލަ މުއައްސަސާތަކުން ޓެކްސް ނެގުމަށް ރަޖިސްޓްރީ ކުރަން ޖެހެއެވެ.