ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިނުވާނެކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުން ބޭނުންވާ ފަރާތްތަކަށް އާސަންދަ ހަމަޖައްސައިދޭން ޚާއްސަ ޑެސްކެއް ގާއިމުކޮށްފައިވާކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއުކުރި ހަބަރާއި ގުޅިގެން އާސަންދައިން ބުނީ މިއީ ދޮގު ހަބަރެއްކަމަށެވެ.

އާސަންދަ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިފަދަ އެއްވެސް ޑެސްކެއް ގާއިމުކޮށްފައިނުވާ ކަމަށެވެ.

ބޭސްފަރުވާގެ ހަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމާ ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް، 2011 ވަނަ އަހަރު ގާއިމު ކުރި އާސަންދަ އާއި ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު އާސަންދަ ނިޒާމު އިތުރަށް ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި އާސަންދައިން ބޭހަށް ކުރާ ބޭކާރު ހަރަދުތައް ކުޑަކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ރާއްޖޭގައި ޕްރެސްކްރައިބް ކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.