އީރާނުން ނިއުކްލިއާ ހަކަތަ ފައްކާ ކުރާތީ, މުޅި ސިނާއަތް ނައްތާލުމުގެ ބޭނުމުގައި އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާތަކުން ބޮޑު ގެއްލުމެއް ލިބުނު ކަމަށާއި ނަމަވެސް ސަލާމަތް ކުރެވުނު ބައިވެސް ކުޑަ ނޫންކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ.

12 ދުވަސް ވީ ހަނގުރާމަ އަށް ފަހު މިއަދު އީރާނުގެ ޓީވީ މެދުވެރި ކުރައްވައި ދެއްވި ބަސްދީގަތުމެއްގައި ހާމަނާއީ ވިދާޅުވީ, އީރާނުގެ ނިއުކްލިއާ ޕްރޮގްރާމު އަލުން ކުރިއަށް ދާނެ ކަމަށެވެ. އޭނާ މިމޭރުމުން ވާހަކަ ދައްކަވާފައި ވާ އިރު, އީރާނުން މިހާރުވަނީ, އދ ގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ އައިއޭއީއޭ އަށް އެއްބާރުލުން ދިނުން ވެސް ނިމުމަކަށް ގެނެސްފައެވެ.

ހާމަނާއީ މިހެން ވިދާޅުވި ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ, އީރާނުގެ ނިއުކްލިއާ ޕްރޮގްރާމު ކައިރި މުސްތަގުބަލެއްގައި ނުގެނެވޭނެ ކަމަށާއި އެއްކޮށް ހަލާކު ކޮށްލާފައި ވާނެ ކަމަށެވެ. އެގޮތުން އީރާނުގެ އެންމެ ބޮޑު ނިއުކްލިއާ މަރުކަޒު ނަތާންޒް އަދި އިސްފަހާނުގެ އިތުރުން ފަރުބަދައެއްގެ ތެރޭގައި ހަދާފައި ހުރި ފޯޑޯވެސް ފުނޑުފުނޑު ކޮށްލާފައި ވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެތަންތާނގައި ހުރި ތަކެއްޗަކީ ފަސޭހައިން އެއްތަނުން އަނެއްތަނަށް ގެންގޮސް ހެދޭނެ އެއްޗެއްސެއް ނޫން ކަމަށާއި ބައެއް ތަކެއްޗަކީ ނުރައްކާތެރި މާއްދާތައް ހިމެނޭ ނުވަތަ ރޭޑިއޭޝަން އެކުލެވޭ ތަކެތި ކަމަށާއި ބޭނުންކުރާ މެޝިނަރީޒް އާއި ތަކެއްޗަކީ އެހެން ހިފައިގެން ދެވޭވަރަށް ވުރެ ބަރު އެއްޗެހި ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ އީރާނުގެ ނިއުކްލިއާ މަޒުކަރުތަކަށް އެމެރިކާއިން ހަމަލާ ދިނީ ކުއްލިއަކަށް އަދި އަވަހަށް ކަމަށާއި އެހެން ކަމުން, އެތަންތަނުގެ ބޭނުން ދެން ކުރެވޭ ވަރަށް ވުރެ ބޮޑަށް ފުނޑުފުނޑު ކޮށްލާފައި ވާނެކަމަށެވެ.

ޓްރަމްޕްގެ ވާހަކަ ދޮގުކޮށް ސީއެންއެންއާއި އެނޫންވެސް ބައެއް ނޫސްތަކުން ސައިންސްވެރިންނާ ހަވާލާދީ ކަމަށް ބުނެފައި ވަނީ, އެމެރިކާގެ ހަމަލާގައި ފޯޑޯ އެއްކޮށް ހަލާކު ނުވާކަމަށެވެ.

ހަނގުރާމައާ ގުޅިގެން ހާމަނާއީ އިތުރަށް ވިދާޅުވީ, އީރާނަކީ އަމާން ދޭނެ ގައުމެއް ނޫން ކަމަށާއި, ކުރިއަށް އޮތްތާނގައި ވެސް އީރާނަށް ބިރު ދައްކާނަމަ އެމެރިކާގެ މަގާމުތަކަށް ހަމަލާ ދޭނެ ކަމަށެވެ.