ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތްތައް ށ. ކޮމަންޑޫގައި ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

މި ދެ ހިދުމަތް ދިރާގުން ކޮމަންޑޫއަށް ތައާރަފްކޮށްފައި ވަނީ، އެކުންފުނީގެ ފައިބަ ބްރޯޑްބޭންޑް ހިދުމަތަށް އެދޭ ފަރާތްތަކަށް ހިލޭ ފައިބަ ގުޅައިދިނުމުގެ އިތުރުން، ފައިބަ އަށް ބޭނުންވާ ރައުޓަރުވެސް ހިލޭ ލިބިގެންދާ އޮފާ އާއި އެއްކޮށެވެ.

ހަމަ އެއާއެކު، ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ފަރާތްތަކަށްވެސް ހިދުމަތް ހިލޭ ގުޅައިދީ، ޑީކޯޑަރުވެސް ހިލޭ ލިބިގެންދާނެ ކަމަށާއި، އެހެންކަމުން ކޮމަންޑޫގެ ރައްޔިތުންނަށް ޓީވީ އާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ވިއުގައަކުން ބަލަައިލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މިހާރުވެސް ދިރާގު ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި 71 ރަށެއް ހިމެނޭ ކަމަށް އެކުންފުނިން ބުންޏެވެ. ފައިބަ ބްރޯޑްބޭންޑް ހިދުމަތުގެ އިތުރުން، ރާއްޖޭގެ 80 ޕަސެންޓު ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށްވެސް ބުންޏެވެ.

ދިރާގުން ބުނީ، އެކުންފުނިން އަބަދުވެސް ބަލަނީ އެކުންފުނީގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ.