މާދަމާ ދިރާގުން ބާއްވާ ރޯޑު ރޭސް ކުރިއަށް ދާ ވަގުތު ދުއްވާ އުޅަނދުފަހަރަށް ބައެއް މަގުތައް ބަންދުކުރުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިރޭ މެންދަމު 3:30 އިން ފެށިގެން މާދަމާ ހެނދުނު 7:30 އަށް، އަދި މާދަމާ ހަވީރު 4 އިން ފެށިގެން އިރުއޮއްސި 6 އަށް ބަންދުކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ހުޅުމާލޭގެ މަގުތައް ބަންދުކުރުމަށް ނިންމާފައި ވަނީ:
- ހާފް މެރަތަން އިވެންޓު އޮންނަ ވަގުތު: މެންދަމު 3:30 އިން ފަތިހު 5:30 އަށް
- 10 ކިލޯމީޓަރުގެ އިވެންޓު އޮންނަ ވަގުތު: ފަތިހު 5:30 އިން ހެނދުނު 7:30 އަށް
- ފަސް ކިލޯމީޓަރުގެ އިވެންޓު އޮންނަ ވަގުތު: ހަވީރު 4 އިން އިރުއޮއްސި 6 އަށް
އިވެންޓުތައް ކުރިއަށް ދާ ވަގުތުތަކުގައި އުޅަނދުފަހަރަށް ބަންދުވާ މަގުތަކުގެ ތެރޭގައި ހުޅުމާލޭގެ މައި ދެ މަގު ކަމަށްވާ ފިތުރޯނު މަގާއި ނިރޮޅު މަގު ހިމެނެއެވެ.
ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ދުވުމުގެ އިވެންޓު ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އިވެންޓެއް އެންމެ ފުރަތަމަ ބޭއްވީ 2007 ވަނަ އަހަރު 'ދިރާގު ބްރޯޑްބޭންޑް ރޯޑް ރޭސް'ގެ ނަމުގައެވެ. އޭގެ ހަ އަހަރު ފަހުން 'ދިރާގު މޯލްޑިވްސް ރޯޑް ރޭސް' އަށް ރީބްރޭންޑުކޮށް، 2017 ވަނަ އަހަރު 10 ކިލޯމީޓަރުގެ ދުވުން ވެސް ހިމަނަން ފެށިއެވެ.
މާދަމާ އޮންނަ ރޯޑް ރޭސް މި ބާއްވަނީ ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު ހުއްޓާލިތާ ތިން އަހަރު ފަހުން، ހާފް މެރަތަން ނުވަތަ 21.1 ކިލޯމީޓަރުގެ ކެޓަގަރީ އެއް މި ދުވުމުގައި އަލަށް ހިމަނައިގެންނެވެ.