ބޯކޮށް ވާރޭވެހި، މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއެކު އެމްއެންޑީއެފް އަދި ފަޔާ އެންޑް ރެސްކިއު ސާވިސްއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިން އަދި ފަޔާ އެންޑް ރެސްކިއު ސާވިސްއިން މިއަދު ހެނދުނު 9:40 ހާއިރުން ފެށިގެން އައިޖީއެމްއެޗް އަދި ދިރާގު ސަރަހައްދުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމްއެންޑީއެފުން ދަނީ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ލަފާކޮށްފައި ވަނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށާއި އެ ސަރަހައްދުގެ އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އެހެންކަމުން އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މެދުރާއްޖެތެރެއަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު މެންދުރުފަހު 3:00އަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.

ބޯކޮށް ވާރެވެހިއްޖެނަމަ އައިޖީއެމްއެޗް ސަރަހައްދުގައި އާންމުކޮށް ފެންބޮޑުވެއެވެ. އެމްއެންޑީއެފުން ވަނީ މީގެ ކުރިން ވެސް އެ ސަރަހައްދުގައި ފން ބޮޑުވެ ޕަންޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.