ގައިން ތަނެއް ފިހިއްޖެ ނަމަ އަޅާ ވޭނަށް ބޮޑު މީހަކަށް ކެތް ނުކުރެވިގެން އުޅޭ އިރު އެއް އަހަރުގެ ތުއްތު ކުއްޖަކަށް ނުރޮއެ ހުރެވޭނެ ހެއްޔެވެ. އަދި ގައިގާ އަޅަމުންދާ ވޭނާއި އިހުސާސްތައް އެ ކުއްޖާއަށް ރުއިމުން ނޫން ގޮތަކަށް ބަޔާން ކޮށްދެވި ދާނެ ހެއްޔެވެ. ހަމައެހެންމެ އެފަދަ ހާލެއްގައި އޮތް ކުއްޖެއްގެ ހަށިގަނޑުގައި އަޅަމުން ދާ ވޭނާއި ކެކުޅުން އެންމެ ގާތުން ފެނި އަހަމުން ދާނީ އެކުއްޖެއްގެ މަންމަ ކަން ޔަގީނެވެ. އަދި އެ މަންމައަށް ކުރާނެ ފުން އަސަރާއި ހިތާމައަކީ ވެސް އެހެން މީހަކަށް ކުރެވޭނެ އިހުސާސެއް ނޫން ކަން ޔަގީނެވެ.

ސ. ހުޅުދުއަށް އުފަން އުމުރުން 34 އަހަރުގެ އައިޝަތު ޝަރުފާގެ 6 ދަރިން ތިބޭއިރު އޭގެތެރެއިން އެންމެ ހަގަށް ތިބެނީ އެއްމާބަނޑު ދެކުދިން ކަމަށް ވާ އައިރިން އާއި އަލްވީއެވެ. އެއީ އުމުރުން އެއް އަހަރާއި 3 މަހުގެ ދެކުދިންގެނެވެ. އޭގެ ތެރެއިން، އައިރިން މުހައްމަދު ވަހީދު ވަނީ ދިމާވި ހާދިސާއެއްގައި ހަށިގަނޑުގެ 16 ޕަސެންޓް ފިހި، ވާއަތާއި ހަޑށިގަނޑުގެ ވާއަތް ފަރާތުގެ ބޮޑުބައެއް ފިހިފައެވެ. އެ ތުއްތު ކުއްޖާއަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އައިރީނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނީ / ފޮޓޯ: އާއިލާ

ކުއްޖާ ފިހުނީ ހޫނު ފެން އެއްޗެެއް ގަޔަށް ބަންޑުން ވެގެން!

"ދަ ޕްރެސް" މައުލޫމާތު ދެމުން އެ ކުއްޖާގެ މަންމަ ބުނީ، އޭނާއާއި އޭނާގެ ފިރިމީހާގެ އިތުރުން އެގޭގައި އިތުރު ބޮޑު މީހަކު ނޫޅޭ ކަމަށެވެ. ހާދިސާ ހިނގަން މެދުވެރިވި ގޮތް ކިޔައިދެމުން ޝަރުފަ ބުނީ، އޭނާ އުޅުނީ ރޯގާ ޖެހިފައި ހުރުމުން ފުޅި ބުރިއެއް ކަފާލާފައި އެއަށް ހޫނު ފެނާއި ކޯރާއަޑި ތެޔޮ އަޅައި މޭޒުމަތީ ބަހައްޓައިގެން އާވި އެރުވަން ކަމަށެވެ.

އާވި އަރުވަން ހުރެފައި އޭނާ އެތަނުން ދުރަށް ޖެހިލީ ސިންކު ކައިރިއަށް ކުޑަ ވަގުތު ކޮޅަކަށެވެ. އެ ފުޅި ބުރިއަށް އައިރީންގެ އަތްވެސް ނުފޯރާނެ ކަމަށާއި ނަމަވެސް އެވަގުތު އޭނާގެ 7 އަހަރުގެ ދަރިފުޅު އާވި އަރުވަން ބޭނުންވާ ކަމަށް ބުނުމުން ޝަރުފާ އަށް ފަސްއެނބުރި ބަލާލެވުނު އިރު ހޫނުފެން އަޅާފައި ހުރި އެ ފުޅިބުރި އެ ކުއްޖާ މޭޒުގެ މަގަތަށް ދާމާލި ކަމަށް ޝަރުފާ ބުނެއެވެ. ޝަރުފާ ހަރަކާތް އަވަސްކޮށްލި ނަމަވެސް މޭޒާ ހަމަައަށް އޭނާއަށް ނުދެވެނީސް ތުއްތު އަރީން ގޮސް އެ ފުޅިބުރީގައި ހިފައި ދަމައިގަތީއެވެ.

އައިރީނަށް އޭޑީކޭ ހޮސްޕިޓަލުންނާއި އައިޖީއެމްއެޗުން ދީފައިވާ ލިޔުން

ވަގުތުން ޝަރުފާއާއި އޭނާގެ ފިރިމީހާ ސައިކަލުގައި ކުއްޖާ އަތްދަނޑިމައޗަށް ލައިގެން ދިޔައީ ގެއާ ކައިރީގައި ހުރި އޭޑީކޭ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުގެ އީއާރަށް ގެންގޮސް އެނދުމަތީގައި ކުއްޖާ ބޭއްވުނީ ހަމަ ކިރިޔާ ކަމަށާއި އެ ވަގުތު އެ ކުއްޖާ ފިޓް ޖެހުނު ކަމަށް ޝަރުފާ ބުނެއެވެ. އަދި އޭޑީކޭގައި ފަރުވާ ދެމުން ދިޔަ އިރު ހުން ގަދަވެ ކުއްޖާ 4 ބުރަކަށް ފިޓު ޖެހުނުކަމަށް މަންމަ އަސަރާއެކު ކިޔައިދިނެއެވެ.

އޭޑީކޭއިން ފަރުވާ ދެމުން ދިޔަނަމަވެސް ކުއްޖާގެ ހާލަތަށް މާ ބޮޑު ބަދަލެއް އަންނަ ތަން ނުފެންނަ ކަމަށާއި ހުންވެސް މަޑުނުވާކަމަށް އޭނާ ބުންޏެވެ. އެހެންވެ ޓްރީޓޮޕަށް ގެންދިޔަ ކަމަށާއި ނަމަވެސް އެތަނުން އެ ދަރިފުޅު ފޮނުވާލީ އައިޖީއެމްއެޗަށް ކަމަށް އޭނާ ބުންޏެވެ.

އައިރީނަށް ޓްރީޓޮޕް ހޮސްޕިޓަލުންނާއި އައިޖީއެމްއެޗުން ދީފައިވާ ލިޔުން

އައިޖީއެމްއެޗުން ދެ ފަހަރު އެކައްޗެއް ނުކިޔާ ކަމުގެ ޝަކުވާ

އައިޖީއެމްއެޗްގައި ބާއްވައިގެން އައިރީނަށް ފަރުވާ ދެމުން އަންނަ އިރު އަދިވެސް ކުއްޖާގެ ހުން ތިރި ނުވާ ކަމަށް ޝަރުފާ ބުނެއެވެ. އެއްފަހަރު ކުއްޖާ ޔޫރިން އިންފެކްޝަން ވެފައި ކަމަށް ޑޮކްޓަރުން ބުނާ ކަމަށާއި އަނެއް ފަހަރު ކުއްޖާގެ ގައިގައި ފިހިފައި ހުރި ތަނުގައި އިންފެކްޝަން ހެދިފައި ހުރީ ކަމަށް ބުނާ ކަމަށް އޭނާ ބުނެއެވެ. ކުއްޖާ ފިޓް ޖެހުމުން އެކަން ދިމާވި ސަބަބު ހޯދުމަށް ޓެސްޓުތަކެއް ނުހަދާތީ ސުވާލު ކުރުމުން، އިތުރު ޓެސްޓެއް ހެދޭނީ ފިހިފައި ހުރި ތަން ރަނގަޅު ވުމުން ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ބުނަކަމަށްވެސް ޝަރުފާ ބުނެއެވެ.

އެ ތުއްތު ކުއްޖާގެ ހަށިގަނޑުގެ 16 ޕަސެންޓް ފިހިފައިވާ އޮންނަތާ މިއަދަށް 16 ދުވަސް ވީއެވެ. އަދި މިވީ 16 ދުވަހުގެ ތެރޭގައި އެ ކުއްޖާ ވާހަކަ ނުދައްކާ ކަމަށް ވެސް ޝަރުފާ ބުނެއެވެ. މީގެ ކުރިން މަންމަ، ބައްޕަ، ބޭބެ، ދައްތަ، އާދޭ، ފަދަ މަދު ބަސްތައް އެކުއްޖާ ކިޔަމުން އައި ކަމުގައި ވިޔަސް މިހާރު މަޑުމަޑުން ކުކުރާލަ ކުކުރާލަ އޮތުމާއި ރުއިން ނޫން ކަމެއް ނުކުރާކަމަށް ޝަރުފާ ބުނެއެވެ. ރޮމުން ވެސް މަންމާއޭ ވެސް ގޮވާނުލާތީ ޝަރުފާގެ ކެކުޅުން ވަނީ ބޮޑުވެފައެވެ.

އައިރީނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނީ / ފޮޓޯ: އާއިލާ

ޝަރުފާގެ އެއްމާބަނޑު ދެކުދިން، އައިރީން އާއި އަލްވީ އަކީ އެކުގައި ވަރަށް މަޖާކޮށް ކުޅެ ހަދާ ދެކުދިންނެވެ. އަހަރަކާއި ތިން މަސް ވީ އިރު އެ ދެކުދިން އެއް ކުއްޖެއް އަނެއް ކުއްޖާއާ ވަކިން އެންމެ ދުވަހެއް ވެސް ހޭދަކޮށްފައެއް ނުވެއެވެ.

އައިރިން ހޮސްޕިޓަލުގައި އޮންނަތާ 16 ދުވަސްވީ އިރު، އަލްވީ މިހާރު ހުންނަނީ ވަރަށް މަޑުމަޑުން ކަން ޝަރުފާ ފާހަގަ ކުރިއެވެ. ހޮސްޕިޓަލުގައި މިހާރު ގިނަ ވަގުތު ހޭދަ ކުރުމަށް ފަހު، ގެއަށް އައުމުން އަލްވީ އައިސް ގައިގާ ބައްދާ، ގައިން ދޫނުކޮށް ހުންނަ ކަމަށާއި ތުއްތު އަލްވީގެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދާ ކަމަށް ޝަރުފާ ބުނެއެވެ. އެ ކުއްޖާއަށް ވެސް އައިރީނަށް ކޮންމެ ވެސް ކަމެއް ވެއްޖެ ކަމުގެ އިހްސާސް ވަނީ އޭ ހިތަށް އަރާ ކަމަށް ޝަރުފާ ބުނެއެވެ.

ދެމަފިރިންނާއި ދަރިން އެކަނި އުޅެމުން ދިޔަ އެ އާއިލާގެ އެންމެ ތުއްތު ކުއްޖާއަށް ދިމާވި މި ހާދިސާއަށް ފަހު އައިރީންގެ ބައްޕަ ފަރާތު މާމަމެން އެ ގެއަށް އައިސް އުޅެން ފެށިއެވެ. އެހެން ކަމުން މި ވަގުތު ހޮސްޕިޓަލުގައި ގިނަ ވަގުތު އުޅެވެނީ ޝަރުފާއެވެ. މިވަގުތު އެ އާއިލާ ބޭނުންވަނީ އައިރީންއަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާށެވެ. އަދި އެ ކުއްޖާ ފިޓް ޖެހުމުން އެކަން މެދުވެރިވީ ސަބަބު ހޯދުމަށް ޓެސްޓުތައް ހެދުމަށާއި، އެ ކުއްޖާ ވާހަކަ ނުދައްކާތީ، އެއީ ކީއްވެގެން ވީ ކަމެއްތޯ ބަލަން ވެސް ބޭނުންވާ ކަމަށް ޝަރުފާ ބުނެއެވެ.

އައިރީނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނީ / ފޮޓޯ: އާއިލާ

ތުއްތު އައިރީނަށް އިތުރު ފަރުވާ ހޯދުމަށް އެ އާއިލާ ރާއްޖެއިން ބޭރަށް ދާން ބޭނުންވި ނަމަވެސް، އައިރީނަށް އާސަންދަ ހަމަނުޖެހޭ ކަމަށް ޝަރުފާ ބުނެއެވެ. ދެމަފިރިންގެ ތެރެއިން ފިރިމީހާއަށް ލިބޭ އާމްދަނީން މާލޭގައި ދިރިއުޅެމުން އަންނަ އިރު، އައިރީން ގޮވައިގެން ރާއްޖެއިން ބޭރަށް ދިއުމަށް އެ އާއިލާއަށް މާލީ ގޮތުން ވަނީ އެހީތެރިކަން ބޭނުން ވެފައެވެ. އައިރީނަށް އެހީވާން ބޭނުންވާ ފަރާތްތަކުން އައިރީންގެ މަންމަ 7589392، އަދި އަރީންގެ ބައްޕަ، މުހައްމަދު ވަހީދު 7573535 އަށް ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

އެކަންޓުން ނަން: އައިޝަތު ޝަރުފާ

އެކައުންޓް ނަންބަރު (ރުފިޔާ): 7730000037388

"ދަ ޕްރެސ"' ގެ ދުއާއަކީ މާތް ﷲ އައިރީން މުހައްމަދު ވަހީދަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.