އައްޑޫ ސިޓީ ހިތަދޫ ހާލަމް، ހައްވާދީދީ (76އ) އަކީ އުމުރުން ދުވަސްވި ނަމަވެސް ހެލިފެލިވެ އުޅުމާއި، ދިރިއުޅުމުގެ ކަންކަން ކުރުމުގައި ހިތްވަރާ ކެތްތެރިކަމުގެ ނަމޫނާއެވެ. ދިރިއުޅުމުގައި ދިމާވި ކޮންމެ ގޮންޖެހުމަކާއި އޭނާ ކުރިމަތިލީ ފިސާރި ކެރިގެންނެވެ. ހައްވާދީދީ ގެ ހިތުގައި 4 ބްލޮކް ހުރިކަން އެނގުނު ދުވަހުވެސް އޭނާގެ ހިތްވަރެއް ބަޔެއް ނުކުރެވުނެވެ. އެކަމާވެސް ކުރިމަތިލީ ހިތްވަރާއެކުގައެވެ. ބައިޕާސް ސާޖަރީއެއްކޮށް ދިރިއުޅުމާއި ކުރިމަތިލި ހައްވާދީދީއަށް އަނެއްކާވެސް ކުރިމަތިވީ ބޮޑު އިމްތިހާނެކެވެ. ކުއްލިއަކަށް ވާން ފެށި ބައްޔާއެކު އޭނާގެ މުޅި ދިރިއުޅުން ހުއްޓުނެވެ.

ހައްވާދީދީ އޭއީއެޗްގައި އެޑްމިޓްކޮށް ހެދި ޓެސްޓުތަކުން ދެ ކިޑްނީވެސް ހަލާކުވެފައިވާކަން އެނގުން ވެގެން ދިޔައީ އާއިލާއަށްވެސް ލިބުނު ކުއްލި ސިހުމަކަށެވެ. އެތަނުގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު، ހައްވާދީދީ ގެއަށް ދޫކޮށްލިތާ 5 ދުވަސްފަހުން އަނެއްކާވެސް ޑޮކްޓަރަށް ދައްކަން މަޖުބޫރުވީ ފައިދުޅަވެ، މީހާގެ ހާލު ސީރިއަސްވާން ފެށުމުންނެވެ. "އެ ދުވަހު ޑޮކްޓަރަށް ދެއްކުމުން، އެގުނީ މާމަގެ ދެ ކިޑްނީ ފެއިލްވެފައިވާކަން. ޑޮކްޓަރު ލަފާދެއްވީ ވަގުތުން އޭޑީކޭއަށް ގޮސް ފަރުވާ ހޯދުމަށް. އެހެންނަމަވެސް މާލެއަށް ދިއުމަށް އާސަންދަ ހަމަނުޖެހުނު. ކުއްލިއަކަށް އެހާ ބޮޑު ކަމެއް ދިމާވީމަ އާއިލާގައިވެސް އެފަދަ ތަނަވަސްކަމެއް ނެތް." 'ދަ ޕްރެސް' މައުލޫމާތު ދެމުން ހައްވާދީދީގެ މާމަ ދަރިފުޅު ލަމްހާ ބުންޏެވެ.

ހައްވާދީދީގެ ބަލިހާލަތާއި ގުޅިގެން އޭއީއެޗްއިން ދީފައިވާ ލިޔުން

ހައްވާދީދީ ޑައިލިސިސް ހެދުމަށް ވަގުތީ ފިސްޓިއުލާއެއް ލައްވާފައިވާއިރު ޑޮކްޓަރުވަނީ އިންފެކްޝަން ހެދިދާނެކަމަށް ލަފާކޮށް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މާލެ ދިއުމަށް ލަފާދީފައެވެ. އަދި ކުރިއަށް އޮތް 2 ހަފްތާ ތެރޭ، ދާއިމީ ފިސްޓިއުލާއެއް ލެއްވުމަށްވެސް ޑޮކްޓަރުވަނީ ލަފާދީފައެވެ. "މާމަގެ ހާލަތު ކްރިޓިކަލް ކަމުން، އޭޑީކޭގައި އެޑްމިޓް ކުރަން ޖެހޭ އަދި ދާއިމީ ފިސްޓިއުލާއެއް ލައްވަންޖެހޭ. މިހާރުވެސް މާމަ ހިތުގެ ބައްޔަށް ބޭސް ކަމުން އަންނާތީ ލޭހޮޅިތައް ބްލޮކްވުމުގެ ފުރުސަތުވެސް އެބައޮތް. މާމަގެ ފިސްޓިއުލާއަށް އާސަންދައިގެ އިތުރުންވެސް 18 ހާސްރުފިޔާ ހަރަދުކުރަން އެބަޖެހޭ. މާލޭގައި މަޑުކުރަންޖެހޭ ސީދާ މުއްދަތެއް ނޭގޭއިރު، ހުރުމާއި ކެއުމަށްވެސް ގިނަ ހަރަދުތަކެއް ދާނެ" ލަމްހާ ބުންޏެވެ.

ހައްވާދީދީގެ އަކީ އެ އާއިލާގެ ދިރުމެވެ. މިވަގުތު އާއިލާގައި މިފަދަ ބޮޑު ހަރަދެއް ކުރެވޭނެ މާލީ ތަނަވަސްކަމެއް ނެތުމުން ހައްވާދީދީގެ އާއިލާއިން އެދެނީ މިކަމުގައި ހުރިހާ އެންމެންގެ ހެޔޮ ދުއާއާއި އެހީތެރިކަމެވެ. ހައްވާދީދީގެ ބަލި ހާލަތާއި ގުޅޭ މައުލޫމާތު ހޯދުމަށް 7725977، 7852700 ގުޅުމުން ލިބިގެންދާނެކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި މިކަމުގައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން މި އެކައުންޓަށް ފައިސާ ޖަމާކޮށް ދިނުމަށްވެސް އާއިލާއިން ވަނީ އެދިފައެވެ.

އެކައުންޓް ނަން: ހަސަން އަނިލް

އެކައުންޓް ނަންބަރު: 7702507479101