ޒަކާތު ހައުސް އިން ފަލަސްތީންގެ ގާޒާއަށް ފޮނުވި ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ގާޒާއަށް ވާސިލް ވެއްޖެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަހީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، މި އެހީ ފޮނުވާފައި ވަނީ މި އަހަރު ރަމަޟާން މަހު ރައްޔިތުން ހަވާލު ކުރި ފިތުރު ޒަކާތުން ކަމަށެވެ. އަދި ފޮނުވި ތަކެތި ގާޒާއާ ހަމައަށް ވާސިލްވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިޒްރޭލުގެ ނިރުބަވެރި ޔަހޫދީން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ހައުސްއިން މީގެ ކުރިން ވެސް ވަނީ އެހީ ދީފައެވެ. އެ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސާފު ބޯފެން ކޭސްތަކެއް ވެސް ވަނީ ގާޒާގެ މުސްލިމުންނަށް ބަހާފައެވެ. އެއީ ޒަކާތު ހައުސް އިން ގާޒާއަށް އެހީވުމަށް ދީފައިވާ އެއް ލައްކަ ޑޮލަރުން ދީފައިވާ އެހީއެވެ.

ގާޒާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މިދިޔަ އަހަރުގެ ޖޫން މަހު ވަނީ "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ޓެލެތޯންއެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ޕީއެސްއެމްގައި ކުރިއަށް ގެންދިޔަ މި ޓެލެތޯން ކުރިއަށް ގެންގޮސްފައި ވަނީ ފަންޑު ފޮށީގެ އިތުރުން އޮންލައިން ޓްރާންސްފާ ވެސް ކުރެވޭ ގޮތަށެވެ.

އެ ޓެލެތޯންގައި ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފަލަސްތީން ރައްޔިތުންނަށް ހަދިޔާކޮށްފައި ވާއިރު، ފަލަސްތީނަށް އެހީވުމަށް ހާއްސަކޮށްފައިވާ އދ ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ ދިހަ ގުނަ އިތުރުކޮށް، މިއަހަރުން ފެށިގެން 50 ހާސް ޑޮލަރު ހަދިޔާ ކުރުމަށް އެ ދުވަހު ކުރިއަށް ގެންދިޔަ ޓެލެތޯންގައި ރައީސް ވަނީ ނިންމަވާފައެވެ.