ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ބަލި މީހަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މީގެ ކުރިން އެހީގެ ގޮތުގައި 1000 ޑޮލަރު ލިބުނު ނަމަވެސް މިހާރު އެ އަދަދު ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުން ދާ ވާހަކަތައް އެ އެޖެންސީއިން ދޮގުކޮށްފިއެވެ.
ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށް އެންސްޕާއިން އެހީގެ ގޮތުގައި މީގެ ކުރިން 1000 ޑޮލަރު ހަމަޖައްސައިދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ވަނީ ޕޯސްޓު ކޮށްފައެވެ. އެ ޕޯސްޓުގައި އެމީހާ ބުނީ މިފަހަރު އެހީއަށް އެދުމުން ލިބުނީ 3048 ރުފިޔާ ކަަމަށެވެ. އެމީހާގެ ޕޯސްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވާއިރު އެންސްޕާއިން ވަނީ އެ އެޖެންސީން ދީފައިވާ އެހީގެ ތަފުސީލުތައް ހާމަކޮށް ބަޔާނެއް ނެރެފައެވެ.
އެންސްޕާއިން ނެރުނު ބަޔާނުގައި ބުނީ، ބަލިމީހާއަށް އެހީ ހޯދަން އެ އެޖެންސީއަށް ހުށަހަޅާފައި ވަނީ ނުވަ ފަހަރު ކަމަށް ލިޔެކިޔުންތަކުން ފެންނަން އެބަ އޮތް ކަމަށެވެ. އަދި އެ ޕޯސްޓު ކުރި މީހާއާ ބައްދަލުކޮށް ހަމަޖައްސައިދިން އެހީތައް އޭނާގެ ހާޒިރުގައި އެންސްޕާގެ ސިސްޓަމްތަކުން ބެލުމުން، އެ އެހީތައް އެކައުންޓަށް ޖަމާވެފައި ވާކަމަށް އެ ފަރާތުން އެއްބަސްވި ކަމަށް އެންސްޕާގެ ބަޔާނުގައިވަނީ ބުނެފައެވެ.
މީގެ އިތުރުން ބަލިމީހާއަށް މީގެ ކުރިން ދިން 1،000 ޑޮލަރު ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން އެންސްޕާއިން ބުނީ އަމިއްލައަށް ނެގި ޓިކެޓަށް އަނބުރާ ދިން ފައިސާ ފިޔަވާ ކޮންމެ ފަހަރަކު ވެސް އެހީގެ ގޮތުގައި ދިނީ 200-250 ޑޮލަރަށް ވާ ދިވެހި ރުފިޔާކަމަށެވެ. އަދި އެއްވެސް އިރަކު 1،000 ޑޮލަރު ދިންކަން ސިސްޓަމުން ފެންނަން ނެތްކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.
އެންސްޕާއިން ބުނީ ލިޔެކިޔުމުން ފެންނަން ނެތް ފައިސާއެއް ދޫކޮށްފައިވާނަމަ، އެއީ މިންގަނޑުތަކާ ހިލާފު، އެހީދޭ ނިޒާމުން ބޭރުން ހިންގާފައިވާ އަމަލެއް ކަމަށެވެ.
އެންސްޕާއިން ބުނި ގޮތުގައި، އެ ޕޭޝަންޓު އާސަންދަ އަދި ވެލްފެއާގެ އެހީއަށް އެދި ހުށަހެޅިކަމަށް ލިޔެކިޔުމުންނާއި ސިސްޓަމުން ފެންނަން އޮތީ ޖުމްލަ ނުވަ ފަހަރުކަމަށާއި މި ހުރިހާ ކޭހަކަށް އެހީ ހަމަޖައްސައިދީފައި ވާކަން ލިޔެކިޔުމުންނާއި ސިސްޓަމުން ފެންނަން އެބަ އޮތް ކަމަށެެވެ.
- އެންމެ ފުރަތަމަ އެހީއަށް އެދި ހުށަހެޅީ މެއި 2023ގައެވެ.
- މެއި 5، 2023ގައި ވެލްފެއާ ކޭސްގެ ދަށުން ފައިސާގެ އެހީގެ ގޮތުގައި 3،855 ރުފިޔާ ހަމަޖައްސައިދީފައިވެއެވެ. އާސަންދައިގެ ދަށުން ބަލިމީހާގެ ޓިކެޓާއި ބޭސްފަރުވާގެ ފުލް ކަވަރޭޖު ހަމަޖައްސައިދީފައިވެއެވެ.
- އޮގަސްޓު 10، 2023ގައި އަމިއްލައަށް ނެގި ޓިކެޓެއްގެ ބަދަލާއި ފައިސާގެ އެހީގެ ގޮތުގައި 900 ޑޮލަރު ހަމަޖައްސައިދީފައިވެއެވެ.
- ނޮވެންބަރު 6، 2023ގައި ގައި ބަލިމީހާ އާއި އެހީތެރިޔާގެ ހުރިހާ ހަރަދެއް އާސަންދައިގެ ދަށުން ހަމަޖެއްސައިދީފައިވެއެވެ.
- ނޮވެންބަރު 13، 2023ގައި ވެލްފެއާ ކޭސްގެ ދަށުން އާސަންދަ މެދުވެރިކޮށް އިތުރު އެހީތެރިއެއްގެ ޓިކެޓު 3،084 ރުފިޔާ ހަމަޖައްސައިދީފައިވެއެވެ.
- މެއި 9، 2024ގައި އާސަންދަ ކޭސްގެ ދަށުން ބަލިމީހާއާއި އެހީތެރިޔާގެ ޓިކެޓާއި ބަލިމީހާގެ ބޭސްފަރުވާގެ ފުލް ކަވަރޭޖު ހަމަޖައްސައިދީފައިވެއެވެ.
- މެއި 24، 2024ގައި ވެލްފެއާ ކޭސްގެ ދަށުން ފައިސާގެ އެހީގެ ގޮތުގައި 3،855 ރުފިޔާ ހަމަޖައްސައިދީފައިވެެއެވެ.
- ނޮވެންބަރު 27، 2024ގައި އާސަންދަ ކޭސްގެ ދަށުން ބަލިމީހާގެ ޓިކެޓާއި ބޭސްފަރިވާގެ ފުލް ކަވަރޭޖު ހަމަޖައްސައިދީފައިވޭ
- ނޮވެންބަރު 28، 2024ގައި ވެލްފެއާ ކޭސްގެ ދަށުން އާސަންދަ މެދުވެރިކޮށް ބަލިމީހާގެ އެހީތެރިޔާގެ ޓިކެޓާއި 3،084 ރުފިޔާ ހަމަޖައްސައިދީފައިވެއެވެ.
އެންސްޕާއިން ބުނީ އެހީއަށް އެދުމުގެ ނިޒާމުގެ ދަށުން ކޮންމެ ފަހަރަކު ވެސް އުސޫލާ އެއްގޮތަށް އެ ބަލިމީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.