ދިރިއުޅުމުގެ ތަފާތު ދާއިރާތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބަސްބުނެ ހަރަކާތްތެރިވަމުން ދާ މިންވަރު ވަނީ އިތުރުވެފައި ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެެވެ.

މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މިއަދުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށުމަކީ ކުރާ މަސައްކަތްތަކަށް ކޮންމެވެސް ކުރިއެރުން ތަކެއް ލިބެމުންދާ ކަމުގެ ފެހި ސިގްނަލެ ކަމަށާއި ގައުމީ އަދި ބައިނަލްއަގުވާމީ ޕްލެޓް ފޯމުތަކުގައި ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުން މިގައުމު ތަމްސީލު ކުރަމުން ދާތަން ވަނީ ފެންނަން ފަށާފާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގައުމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް މުޖުތަމައުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ދިރިއުޅުމުގެ އެންމެހައި ދާއިރާތަކުގައި ފުރިހަމައަށް ޝާމިލް ވެވޭނެ ބަޔަކު ކަމަށް ގަބޫލުކުރުމެވެ. އަދި ކޮވިޑު 19 އާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައި ވާކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މިނިސްޓްރީ އިން ކުރަމުންދާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް ވަކި އިންތިޒާމެއްގެ ތެރެއިން ކުރުމަށް ބޭނުންވާކަން ފާހަގަވެފައި ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރަށް ވުރެ ހަމަހަމަ ފުރުސަތުތަކާއި އަސާސީ ހިދުމަތްތައް އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށްޓަކައި ވަކިވަކި ފަރުދުންގެ ފެންވަރުގައާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ ފެންވަރުގައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއް ކަމަށެވެ.