ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިންގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރޯދަ ވީއްލުމެއް ދެއްވައިފިއެވެ.

މުލީއާގޭގައި މިއަދު އެ ކުދިންނަށް ރޯދަވީއްލުމެއް ދެއްވާ އެ ދެބަނބަލުން އެ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަ ކުރައްވާފައި ވާއިރު، އެ ކުދިން ވަނީ ރައީސްގެ ދެކަނބަލުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކޮށްފައެވެ.

މުލިއާގޭގައި މިއަދު ހަވީރު ބޭއްވި ރޯދަ ވީއްލުމުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުގެ ހަރަކާތްތަކެއް ވެސް ވަނީ ބާއްވާފައެވެ. ރައީސް އޮފީހުން ހިއްސާކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކުދިންނާއެކު ރައީސް ސޯލިހް ރާޒުވާ ކުޅުއްވާ މަންޒަރުވެސް ފެނިގެން ދެއެވެ. ރާޒުވާގެ އިތުރުން ކެރަމް އާއި ކުަލަ ޖެއްސުމާއި، ޕެިންޓ ކުރުން ފަދަ ކުޅިވަރުތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ރޯދަވީއްލުމުގައި، ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ އިތުރުން މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އާއިޝަތު މުހައްމަދު ދީދީ އާއި ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބާއި އެ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސަސްގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ.