ދިވެހިރާއްޖޭގެ ހުރިހާ މުޖްތަމައުއެއްގައި ގާއިމު ކުރާ އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ވ. ފެލިދޫގައި އިފްތިތާހު ކޮށްފިއެވެ.
ވ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިބަމަ އިފްތިތާހު ކޮއްދެއްވާ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީ ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ސެންޓަރެއް އަތޮޅުގެ އެންމެ ރަށެއްގައި ގާއިމް ކުރެވިފައި ވީނަމަވެސް ކޮންމެ ރަށެއްގައިވެސް ގިނަ މުއައްސަސާތައް ގާއިމް ކުރެވިފާ އެބަހުރި ކަމަށާއި އެ ހުރިހާ މުއައްސަސާތަކަކީވެސް އިޖުތިމާއީ ކަންކަން ހަރުދަނާކޮށް ރަނގަޅުކުރުމަށް ގާނޫނުގެ ތެރެއިން ޒިންމާތައް މަތިކުރެވިފައިވާ ތަންތަން ކަމަށެވެ.
އިބަމަ އަކީ ދިވެހިރާއްޖޭގެ މުޖްތަމައުތަކުގައި 'ކޮމިއުނިޓީ ސޯޝަލް ގްރޫޕްސް' ގެ ގޮތުގައި ވިޔަ ނުދިނުމާއި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަހުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރުމެވެ. އަދި ހުރިހާ ހިއްސާދާރުން ގުޅިގެން ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން މުޖްތަމައުގެ އިޖްތިމާއީ ހާލަތު ދެނެގަނެ، މުޖުތަމައުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާއީ ހިދުމަތްތައް ކަމާބެހޭ ދާއިރާތަކާ އެކު ވިލަރެސްކޮށް ފޯރުކޮށްދިނުމެވެ. މީގެ އިތުުރުން ވެސް އިބަމަ އަކީ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވާ ރައްކާތެރި މުޖުތަމައެއް ކަށަވަރު ކޮށްދިނުމާއި އަދި އާންމު ފަރުދުންނާއި އާއިލާތަކާއި މުއައްސަސާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއަޅާ މަސައްކަތްތައް ކުރާނޭ ފަރާތްތަކެކެވެ.
އިބަމައިގައި ހިމެނޭ މެންބަރުން:
- ރަށު/އަވަށު ކައުންސިލުން ކައުންސިލަރެއް
- ޒިންމާދާރުވެރިޔާ/ސެކްރެޓަރީ ޖެނެރަލް
- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ކަނޑައެޅޭ ފަރާތެއް
- ޖެންޑާ މިނިސްޓްރީގެ ފަރާތެއް
- ތައުލީމީ ދާއިރާއިން ކޮންމެ ސްކޫލެއްގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސަރެއް
- ފުލުހުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއް
- ސިއްހީ ދާއިރާއިން ކަނޑައެޅޭ ފަރާތެއް
- ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކަނޑައެޅޭ ފަރާތެއްް
އިބަމަ އިފްތިތާޙްކުރުމަށް ފަހު ފެލިދޫ ހިމެނޭހެން ތިނަދޫއާއި ރަކީދޫގެ މެމްބަރުންނަށް މިކަމާއި ގުޅޭ ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި ސެޝަންތަކުގައި ބައިވެރިންނަށް ކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކުން މައޔލޫމާތުދީ ތަމްރީން ކުރިއަށްގެންދާނެއެވެ. މިހާތަނަށް އދ، ށ އަދި ފުވައްމުލަކު ސިޓީގައި އިބަމަގެ ތަމްރީނު ޕްރޮގްރާމްތައް ހިންގާ، 73 މެންބަރުން ތަމްރީނުކޮށްފައިވެއެވެ.