ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާނެ މަރުކަޒެއް ހަދަން ޖެންޑާ މިނިސްޓްރީ އަށް ހުޅުމާލެ އިން ބިމެއް ދީ، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް އަމީރެވެ.

ޖެންޑާ މިނިސްޓްރީއިން ބުނީ ހުޅުމާލޭގައި ގާއިމްކުރާ އެ މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފަސް އަހަރަށް ބަހާލެވިގެން ކަމަށާއި އެ މަރުކަޒަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މަޝްރޫއުގައި ހިމެނޭ ކޮމްޕޯނަންޓެއްގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ.

އެ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ލާމަރުކަޒީކޮށް ހިދުމަތް ދިނުމުގައި މިންތީގެ ނަޒަރިއްޔާތު ހިމަނައިގެން ނަތީޖާ ހާސިލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ތަންފީޒުކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑީގައި ހިމެނޭ މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަދި ސްޓެރިޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގެ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޖެންޑާ މިނިސްޓްރީއިން އިތުރަށް ބުނީ ހުޅުމާލޭގައި ގާއިމްކުރާ އެ މަރުކަޒަކީ ސޭފް ހޯމް ކޮންސެޕްޓްގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ރާއްޖޭގެ 3 ސަރަހައްދެއްގައި (ހުޅުމާލެ، ރ.އުނގޫފާރު، އައްޑޫ ސިޓީ ހިތަދޫ) ގާއިމް ކުރުމަށް ކަނޑައަޅާފައިވާ 3 މަރުކަޒުގެ ތެރެއިން އެއް މަރުކަޒު ކަމަށެވެ.