މާލޭގެ ޖާގައިގެ ދަތިކަމާ ގުޅިގެން ޑޭ ކެއާ ގެ ހިދުމަތް ގާއިމްކުރެވިފައި ނުވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހުމޫދް ފޮނުއްވި ސުވާލަކަށް ލިޔުމުން ދެއްވަމުންނެވެ.

މިގޮތުން ޖިޙަދު ވަނީ، މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ހައްލުކުރުމަށްޓަކައި ސަރުކާރުގެ ސްޓްރެޓީޖީ އެކްޝަން ޕްލޭންގައި ހިމަނާފައިވާ ޑޭ ކެއާ ސެންޓަރުތައް ގާއިމުކުރުމަށް ކޮށްފައިވާ މަސައްކަތާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ސްޓްރެޓިޖީކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރެއިން މާލޭގައި ޑޭ ކެއާގެ ހިދުމަތް ފޯރުކޮށްދޭނެ ތަނެއް ހެދުމަށް މިނިސްޓްރީން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން 2021 އިން ފެށިގެން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ކަމާ ގުޅުންހުރި އެކި އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މާލޭގެ ޖާގައިގެ ދަތިކަމާހުރެ އެ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއް ގާއިމުކުރުމަށް ޖާގައެއް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުދިން ބެލުމަށް ބޭނުން ކުރެވޭނެ އެހެން ލުޔެއް ހޯދައި ދިނުމަށް ތަފާތު އެހެން މޮޑަލްތައް ދިރާސާކޮށް، ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ޗައިލްޑް ކެއާ ސްޕޭސް ގާއިމް ކުރުމަށް ރައީސް އޮފީހާއެކު މި އަހަރުގެ އޮގަސްޓު މަހު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ސޯޝަލް ކައުންސިލަށް ހުށަހެޅުމުން އެކަން ތަންފީޒު ކުރަން މިހާރު ވަނީ އަންގާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުނިތަކާ ވަކިވަކިން މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.