ޖިނާއީ މައްސަލަތަކުގައި، ކުށުގެ ޝިކާރައަކަށްވާ މީހުންނާއެކު މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އާއި ޖެންޑަ މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ޕީޖީ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. އަދި ޕީޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕީޖީ ހުސެއިން ޝަމީމްއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ އެމްއޯޔޫއަކީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ޕީޖީގެ ސަމާލު ކަމަށް އަންނަ މީހުންނަށް ބޭނުންވާނެ ކަމަށް ފެންނަ ހިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރުމަށް ޕީޖީ އޮފީހަށް ލިބޭ މައުލޫމާތު ޖެންޑާ އަށް ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫއެއް ކަމަށެވެ.

އެ އެމްއޯޔޫއެއްގައި ބުނެފައިވަނީ އެ ފޯރުކޮށްދޭ މައުލޫމާތު ބަލައިގަނެ، އެ މައުލޫމާތުގެ މައްޗަށް އަމަލު ކުރުމާ ގުޅޭ ގޮތުން ޕީޖީ އޮފީހާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަށެވެ.