ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ގޮތުން، އެމްއެމްޕީއާރުސީން "ތަސްވީރު: މޯލްޑިވްސް ތްރޫ އާޓް" ގެ ނަމުގައި މިދިޔަ ޖުލައި 15 އިން އޮގަސްޓު 15 އަށް ބޭއްވި މުބާރާތުގެ ކުރެހުންތައް ދައްކާލުމުގެ ގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި އާޓް އެގްޒިބިޝަނެއް މިއަދު އިފްތިތާހު ކޮށްފިއެވެ.

ކުރެހުމުގެ ހަރަކާތްތަކާއެކު ކުޑަކުދިންގެ ހަވީރެއްވެސް ހިމެނޭ ގޮތަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި އެގްޒިބިޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދުގެ އިތުރުން، ދެ ކޯޕަރޭޝަންގެވެސް އިސްވެރިން ބައިވެރިވެވަޑައިގެންފައިވާއިރު، އެގްޒިބިޝަންގައި ބޭނުންކުރާ ސްޓޭންޑުތައް މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ ފަރާތުން އެޗްޑީސީއަށް ވަނީ ރަމްޒީ ޓޯކަނެއްގެ ގޮތުގައި ހަދިޔާކޮށްފައެވެ.

އެމްއެމްޕީއާރުސީން ބުނީ މި ސްޓޭންޑުތައް ހަދިޔާކޮށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބެހެއްޓުމުގެ މަގުސަދަކީ މުސްތަގުބަލުގައި ފަންނާނުންގެ އާޓްވޯކްތައް ސެންޓްރަލް ޕާކުގައި އާންމުކޮށް ފެންނަ ގޮތަށް ބެހެއްޓުމަށް ފުރުސަތު ދިނުމަށް ކަމަށެވެ. އަދި މި އެގްޒިބިޝަންގައި ބައިވެރިކޮށްފައިވާ ކުރެހުންތައް މިއަހަރު ނިމެންދެން ސެންޓްރަލް ޕާކުގައި ބަހައްޓާފައި ހުންނާނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުންޏެވެ.

އެމްއެމްޕީއާރުސީ އާޓު އެގްޒިބިޝަންގެ ކުރެހުންތައް މީހަކު ބަލާލަނީ / ފޮޓޯ: އެމްއެމްޕީއާރުސީ

ދިވެހި އާޓިސްޓް ކޮމިޓީއާ ގުޅިގެން އެމްއެމްޕީއާރުސީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ "ތަސްވީރު: މޯލްޑިވްސް ތްރޫ އާޓް" މުބާރާތުގައި 110 ކުރެހުމެއް ބައިވެރިކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ. މި މުބާރާތުގެ ވަނަތައް އޮކްޓޯބަރުގައި ހޮވިއިރު، ލޯކަލް ކެޓަގަރީ އާއި އިންޓަނޭޝަނަލް ކެޓަގަރީން އެއްވަނަ އާއި ދެވަނަ ހޮވައި، އެ ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވެއެވެ.

އެގޮތުން، ލޯކަލް ކެޓަގަރީން އެެއްވަނަ އަށް ދިޔަ އަހުމަދު އިހުސާނާއި އިންޓަނޭޝަނަލް ކެޓަގަރީން އެއްވަނަ އަށް ދިޔަ އިންޑިއާގެ މަވާރު ވިޒީ ކަޑަރުކަރައިޕަންޑައި އަށް 3،000 އެމެރިކާ ޑޮލަރު ދީފައިވާއިރު، ލޯކަލް ކެޓަގަރީން ދެވަނަ އަށް ދިޔަ އާމިނަތު ރޫބާ އަލީއާއި، އިންޓަނޭޝަނަލް ކެޓަގަރީން ދެވަނައަށް ދިޔަ ޕޮލެންޑުގެ ކެރޮލީނާ ޕައިސަށް 2،000 އެމެރިކާ ޑޮލަރު ދީފައިވެއެވެ.

މި މުބާރާތުގެ މަގުސަދަކީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، އެކި ޕްލެޓްފޯމްތަކުގައި އެމްއެމްޕީއާރުސީގެ އެންގޭޖްމެންޓް އިތުރުކުރުމަށް އެކުލަވާލާފައިވާ ސޯޝަލް މީޑިޔާ ސްޓްރެޓެޖީގެ ދަށުން އަލަށް ކުރިއަށްގެންދެވުނު ހަރަކާތެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.