އަންނަ ބުދަ ދުވަހުން ފެށިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތަށް ބަދަލު ގެންނަން ވެމްކޯއިން ނިންމައިފިއެވެ.

މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތްތަކަށް ބަދަލު ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު 15 އިން ފެށިގެންނެވެ. މިގޮތުން ހުޅުމާލޭގެ އަވަށްތައް ހިމެނޭގޮތަށް، އިމާރާތުގެ އެތެރެއިން ވަކި ފަންގިފިލާތަކުން ކުނި ނެގުމުގެ ހިދުމަތްވެސް ވަނީ ދޭން ފަށައިފައެވެ.

ވެމްކޯއިން ބުނީ ހުޅުމާލެއަށް ގިނަ އަދަދެއްގެ ރައްޔިތުން އާބާދުވަމުންދާއިރު އެ ކޯޕަރޭޝަން ހިދުމަތްތައް އިތުރަށް ބައްޓަންކުރުމަށާއި މަސައްކަތްތައް ރުކުރުވާލުމަށްޓަކައި އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގެ ގޭބިސީތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އެ ދުވަހުން ފެށިގެން ދެން ހިދުމަތް ދެމުންގެންދާނީ ހަވީރު 6 އިން ރޭގަނޑު 11 އާއި ދެމެދު ކަމަށް ވެސް ވެމްކޯއިން ބުނެއެވެ. މީގެ އިތުރުން ހަވީރު 5 އިން ފެށިގެން ތައްޔާރުކޮށްފައިވާ ކުނި ކޮތަޅު ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ވެމްކޯއިން އިތުރަށް ބުނީ ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތަކީ ރަޖިސްޓަރީކޮށް އަދި ބިލަށް ފައިސާ ދައްކާ ފަރާތްތަކަށް ފޯރުކޮށްދެމުންދާ ހިދުމަތެއް ކަމަށެވެ. އެހެންކަމުން ކުނި އުކާލުމަށް ހިދުމަތަށް ރަޖިސްޓްރީ ނުވާ މީހުން އެ ހިދުމަތަށް ރަޖިސްޓްރީވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.