އެމްއެމްޕީއާރުސީން ދައުލަތަށް ލިބެން ޖެހޭ ބައިލައްކަ ޑޮލަރު، އެ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާކޮށްފައި ވަނިކޮށް، ދައުލަތަށް އެ ފައިސާ އަނބުރާ ދެއްކުމަށް ހައިކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

2014 ވަނަ އަހަރު އދ. ފުށިދިއްގާ އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޒިޔަތުގެ އާއިލީ ކުންފުންޏެއް ކަމަށްވާ އެމްއެޗްއެމްއައި އަށް ކުއްޔަށް ދޫކުރުމުން، އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ތިން މިލިއަން ޑޮލަރުގެ ތެރެއިން، ބައިލައްކަ ޑޮލަރު އެމްއެމްޕީއާރުސީއަށް ދެއްކި ޗެކު ޖަމާކޮށްފައިވަނީ އެމްއެޗްއެމްއާރުގެ އެކައުންޓަށެވެ.

ނަމަވެސް އެ ފައިސާ ހޯދަން ދައުލަތުން އެމްއެޗްއެމްއާރާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރުމުން، އެ ފައިސާ ނަގައިދެވެން ނެތްކަމަށް ވަނީ ހުކުމްކޮށްފައެވެ.

އެއަށްފަހު، ދައުލަތުން އެ މައްސަލަ އިސްތިއުނާފުކުރުމުން، ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ، އެމްއެމްޕީއާރުސީއަށް ފައިސާ ލިބިފައިވާ ކަމަށް ބުނެ، ޒިޔަތު ސޮއިކޮށް ލިޔުން ދޫކޮށްފައި އޮތަސް، އެ ޗެކު ޖަމާވީ އެމްއެޗްއެމްއާރުގެ އެކައުންޓަށް ކަން ބޭންކް ސްޓޭޓްމެންޓްތަކުން އެނގެން އެބައޮތް ކަމަށާއި، އެކުންފުންޏަކީ ޒިޔަތާ އާއިލީގޮތުން ގުޅުން އޮތް މީހެއްގެ ކުންފުންޏެއް ކަމަށް ބުނެފައިވާތީ ދައުލަތުން އެ ބުނާ ބުނުމުގެ ތެދުކަން ހާމަވާ ކަމަށެވެ.

އެހެންކަމުން، އެމްއެޗްއެމްއައި އިން ޗެކް ދޫކުރީ އެމްއެމްޕީއާރުސީއަށް ކަމަށްވެފައި، އެ ޗެކުގެ ފައިސާ އެމްއެޗްއެމްއާރު ކުންފުނީގެ އެކައުންޓަށް ޖަމާވެފައިވުމުން، އެ ފައިސާ ދައުލަތަށް ލިބެންޖެހޭނެ ކަމަށް ސާބިތުވެފައިވާތީ، އިއްޔެއިން ފެށިގެން މަސްދުވަހުގެ ތެރޭ އެ ފައިސާ ދައްކަން އަންގާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.

ހައިކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަލީ ސަމީރެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ތިއްބެވީ ގޭ ބަންދުގައެވެ. އޭގެ ތެރެއިން، ޔާމީން ވަނީ އޭނާއަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.