ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މައާފު ދެއްވިތާ ފަސް ދުވަހުގެ ތެރޭ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން 20 އަހަރުގެ މުއްދަތަކަށް ޖަލަށް ލާފައިވާ އަދީބުގެ އިތުރުން، އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް އިބްރާހީމް މައާފު ދެއްވީ މިދިޔަ ހޯމަ ދުވަހުގައެވެ.

އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ކަން 'ދަ ޕްރެސް' އަށް އަދީބުގެ އަރިސް ބޭފުޅަކު ކަށަވަރުކޮށްދެއްވި ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވައެވެ. އެހެންކަމުން އަދީބު ވަޑައިގެންނެވީ ކޮން އިރަކު ކަން، ނުވަތަ ވަޑައިގެންނެވި ސަބަބެއް ސާފެއް ނޫނެވެ.

2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ތެރޭގައި ހިންގި ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަށް އިއުތިރާފުވުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ. އަދީބާ އެކު އިބްރާހީމް މައާފު ދެއްވި ޒިޔަތަށް ހުކުމްކުރީ 32 އަހަރަށް ޖަލަށް ލުމަށެވެ. އެކަމަކު ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު، ދެ ބޭފުޅުން ހުކުމް ތަންފީޒުކުރައްވަމުން ގެންދެވީ ގޭ ބަންދުގައި ތިއްބަވައިގެންނެވެ.

2018 ވަނަ އަހަރު އިބްރާހީމް ވެރިކަމަށް ވަޑައިގަތީ އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް، ގެއްލުނު ފައިސާ ހޯދުމަށް ވައުދުވެވަޑައިގަތުމަށްފަހުގައެވެ. އެ މައްސަލަަ ތަހްގީގުކުރުމަށްޓަކައި އެސެޓް ރިކަވަރީ ކޮމިޝަނެއް ވެސް އެމަނިކުފާނު އުފެއްދެވިއެވެ. ނަމަވެސް އެ ވައުދު ނުފުއްދި، އޭގެ ބަދަލުގައި ދެ ބޭފުޅުންނަށް މައާފު ދެއްވުމުން، ބައެއް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އާންމުންގެ ފާޑުކިއުން ވަނީ އިބްރާހީމަށް އަމާޒުވެފައެވެ.