އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފުދެއްވައި ގުޅިގެން އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެކަމާ ގުޅިގެން އެޗްއާރްސީއެމްއިން ބުނީ ހިނގަމުންމިދާ ރިޔާސީ ދައުރު ފެށިގެން އައީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާ ވަކިން ހާއްސަކޮށް އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއަޅައި ޖުމްލަކޮށް ކޮރަޕްޝަންގެ އަމަލުތަކަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތުތަކަކާ އެކުގައި ނަމަވެސް އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެކި އެކި ސަބަބުތަކާހެދި ނުކުޅެދިފައިވާ ކަމަށެވެ. އަދި ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދިޔަ ބައެއް ފަރާތްތަކެއްގެ އަދަބު ލުއިކޮށްދިނުމުގެ ސަބަބުން އެ ފަރާތްތައް މިނިވަންވެގެންދިއުމަކީ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ސިޔާސަތާ ހިލާފު އަދި މީގެ ސަބަބުން ރައްޔިތުންގެ ނުހަނު ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އެޗްއާރްސީއެމްއިން ބުނީ ރާއްޖެއިން ސޮއިކޮށް ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން، ކޮރަޕްޝަން ހުއްޓުވާ މަނާކުރުމަށް ދައުލަތުގެ ފަރާތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ލާޒިމްކުރާ ކަމަށެވެ. އަދި އެގޮތުން ހެޔޮ ވެރިކަމެއް ގާއިމްކުރުމުގެ ގޮތުން ގާނޫނީ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނެވި ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް އެފަދަ ކުށް ސާބިތުވެ، ހުކުމްކޮށްފައިވާ ފަރާާތްތަކަކަަށް ހުކުމުގެ ބޮޑު ބައެއް ތަންފީޒު ނުވަނީސް އަދަބު ލުއިކޮށްދެއްވުމުގެ ސަބަބުން މިނިވަންވެގެން ދިއުމަކީ ކޮރަޕްޝަން ހުއްޓުވައި މަނާކުރުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް އެޅިގެންދިޔަ ހުރަހެއް ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.

އެޗްއާރްސީއެމްއިން ބުނީ ކޮރަޕްޝަނާއި ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ ފައިސާއަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ގައުމުގެ އުމްރާނީ ތަރައްގީއަށާއި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ފައިސާއެއް ކަމަށެވެ. އެހެންނަމަވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ދައުލަތަށް ލިބެންޖެހޭ 1 ބިލިއަންއަށްވުރެ ގިނަ ފައިސާ ލިބިފައި ނުވުމަކީ ބޮޑު ގެއްލުމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެޗްއާރްސީއެމްއިން ބުނީ ކުށްވެރިންނަށް ދެވޭ އަދަބުތައް ފުރިހަމައަށް ތަންފީޒުނުކުރެވި، ސިޔާސީ ބޭނުންތަކާއި އެ ނޫންވެސް ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށްކަމަށް ބެލެވިދާނެ ފަދަ ގޮތަކަށް އަދަބުތައް ލުއިކޮށްދިނުމަކީ އާންމު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، އެފަދަ ފަރާތްތައް ކުށަށް ޒިންމާދާރު ނުކުރެވި، އެފަދަ ފަރާތްތައް ފަސްޖެހުމެއް ނެތި ކުށަށް އަރައިގަތުމަށް ހިތްވަރުލިބިގެންދާނެ ކަމެއް ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.