ބަންދެއްގައި ހުރި މީހަކު ދޫކޮށް ނުލާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތަށް މައާފުދެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ބަންދެއްގައި ހުރި މީހަކު ދޫކޮށްލުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެ ޕްރޮގްރާމުގައި އެމްއެންޕީއާރްސީގެ މައްސަލަތައް ބަލާ އެކަމަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްތޯ ސުވާލުކުރެއްވުމުން ރައީސް ސޯލިހު ވިދާޅުވީ އެއްގޮތަކަށްވެސް އެހެން ނޫން ކަމަށާއި މިހާތަނަށް ބެލި ބެލުމުގައި އެކަމުގައި އެންމެ އިސްކޮށް އުޅުއްވީ އަދީބު ކަމަށާއި މިހާރު ހުކުމް ކުރެވިފައިވާ ކަމަށެވެ.

"މިހާތަނަށް މި ބެލި ބެލުމުގައި އަހުމަދު އަދީބު އެއް ބޭފުޅަކަށް މީގައި އެންމެ އިސްކޮށް އުޅުއްވީ ފެނުނީ އަޅުގަނޑަށް. ހުކުމް ކުރެވިފައި އެ ހުރީ. ހުކުމެއް އެބަ އޮތް."
ރައީސް ސޯލިހު

އޭގެ އިތުރުން ކުރީގެ ސަރުކާރުގައި ކޯޓަށް ހުށަހަޅައިގެން ޒިޔަތުގެ މައްޗަށް ހުކުމެއް ކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ހުކުމް ތަންފީޒު ކުރާ ފަރާތްތަކާ ދޭތެރޭގައި ވެރިއަކަށް ހުންނަ މީހަކު އަމަލު ކުރަން ޖެހޭ ގޮތް ގާނޫނުގައި ލިޔެފައިވާ ކަމަށާއި މިހާރު އޮންނަ ގޮތުން ރައީސްއަކަށް ހުންނަ މީހަކަށް އަދަބު މާފު ނުދެވޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދަބު މާފުނުކޮށްދެވުނު ކަމުގައިވިޔަސް އަދަބު ލުއިކޮށްދެވޭ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައީސްއަކަށް ހުންނަ މީހަކަށް އެ ހިސާބަށް ދެވޭނީ ހުރިހާ މަރުހަލާއެއް ނިމިގެން ކަމަށާއި އެހެންވީމާ އޭގެ ބޭރުން އޭގައި ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި އެއްވެސް ޑީލެއްގެ ދަށުން ބަންދެއްގައި ހުރި މީހަކު ދޫކޮށްލުމަކީ ކުރާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް، ރައީސްއަކަށް ހުންނަ މީހަކަށް އެ ހިސާބަށް ދެވޭނީ ހުރިހާ މަރުހަލާއެއް ނިމިގެން. އެހެންވީމާ އޭގެ ބޭރުން އަޅުގަނޑަކަށް އޭގައި ކުރެވޭނެ ކަމެއް ނޯންނާނެ އެއްވެސް ޑީލެއްގެ ދަށުން ބަންދެއްގައި ހުރި މީހަކު ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން."
ރައީސް ސޯލިހު

ރައީސް ސޯލިހު އެފަދައިން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާ އަދީބާއި ޒިޔަތަށް އާފުދެއްވުމައި ގުޅިގެން ދެ ބޭފުޅުންވެސް ވަނީ މިނިވަންވެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ ވަނީ އިއުތިރާފު ވެފައެވެ. އަދި މި މައްސަލައިގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ޒިޔަތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުރެއެވެ. އިތުރު 3 ދައުވާއަކާ ގުޅިގެން ޒިޔަތުގެ މައްޗަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއާއެކު ޒިޔަތު ތަންފީޒުކުރައްވަމުން ގެންދެވީ 32 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް މިނިވަންވެވަޑައިގެންނެވިއިރު ހުންނެވީ ގޭގައެވެ.