ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުޓްބޯޅަ ޝަހުސިއްޔަތެއް ހޮވުމަށް ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވާ ޑައިމަންޓް ޖުބިލީ ކޮމިޓީން ބުނެފިއެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުމާ ގުޅިގެން އެކަން ފާހަގަކުރުމަށް އެކުލަވާލާފައިވާ ޑައިމަންޓް ޖުބިލީ ކޮމިޓީން ބުނީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރޭ މުނާސަބާއާއި ގުޅުވައިގެން ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަހުސިއްޔަތެއް ހޮވުމަށް ނިންމާފައިވާކަމަށާ ފުޓުބޯޅަ ޝަހުސިއްޔަތު ހޮވުމަށް އެރަށެއްގެ ކައުންސިލާއި ޖަމްއިއްޔާތަކުގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ.

ޑައިމަންޓް ޖުބިލީ ކޮމިޓީގެ ޗެއާމަން އަލީ ސުޒެއިން ވިދާޅުވީ ފުޓުބޯޅަ ޝަހުސިއްޔަތު ހޮވުމަށް އެފްއޭއެމްއިން ހާއްސަ ކްރައިޓީރިއާއެއް އެކުލަވާލާނެ ކަމަށެވެ. އިތުރަށް ސުޒެއިން ވިދާޅުވީ ފާއިތުވެ ދިޔަ 75 އަހަރުތެރޭގައި ކޮންމެ ރަށަކުންވެސް ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ހުންނާނެކަމަށެވެ. އަދި މިކަމަކީ ބައެއް ރަށްރަށުގައި ވާދަވެރިކަން ބޮޑުވާނެކަމެއްކަމަށް ގަބޫލުކުރައްވާ ކަމަށް ސުޒެއިން ވިދާޅުވިއެވެ. އަދި ވާދަވެރިކަމަކަށް ނުގޮސްވެސް ބައެއް ރަށްރަށުން މިފަދަ ޝަހުސިއްޔަތުން ހޮވާލެވިދާނެކަމަށް ސުޒެއިން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި ޝަހުސިއްޔަތު ހޮވުމުގައި ފުޓްބޯޅައިން އެ ރަށަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަށް، އެ ރަށަކުން ބެލުމަށް ފަހު ނޮމިނޭޓްކުރުމުގެ ފުރުސަތު އޮންނާނެކަމަށާއި ކޮމިޓީއިން ބަލާނީ ހަމައެކަނި ކްރައިޓީރިއާއަށް ފެތޭތޯކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުމާ ގުޅިގެން ރާވާފައިވާ އިތުރު ބައެއް ހަރަކާތްތަކުގެ ތެރޭގައި ފުޓުބޯޅައަށް އެންމެ ހިދުމަތްތެރި ރަށެއް ހޮވުމާއި، އަލިމަސްޔޫބީލް އާ ގުޅޭ ލޯގޯއެއް އިފުތިތާހުކުރުމުގެ އިތުރުން މުނާސަބާއާއި ގުޅޭ ލަވައެއް ނެރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.