"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ" އެއިރެއްގައި އޮންނަ ސަރުކަރާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށް ފަރުމާކޮށްފައިވާ ބިލެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.
ރަައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު، އޮގަސްޓު 17، 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއި ގުޅިގެން މީޑީއާ ކައުންސިލުން ރޭ ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި މި ބުނީ ބިލު މިހާރު ފަރުމާކޮށްފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް ކަމަށެވެ. އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސް އެޅި، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގިނަ މާއްދާތައް ހިމެނިފައި ހުރިކަން މީޑިއާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އާ ބިލު ފަރުމާކޮށްފައި އޮތީ، މޯލްޑިވްސް މީޑިއާ ކައުންސިލާ، ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ގޮތަށް ނަމަވެސް، އާ ބިލުގެ ތެރެއިން ބްރޯޑްކާސްޓަރުން/ރީ-ބްރޯޑްކާސްޓަރުންނާ ގުޅޭ ހައްގުތަކާއި ނޫސްވެރިކަމާ ގުޅޭ ހައްގުތައް މަސްހުނިވެ، ޕްރިންޓް/އޮންލައިން މީޑިއާގެ ނޫސްވެރިކަމުގެ ހައްގުތަކަށް ހިޔަނި އެޅިފައިވާކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް އިންތިހާއަށް ބޮޑު ބަދަލުތަކެއް ގެންނަން ބިލުގައި ހުށަހަޅާފައިވާއިރު، ބިލު އެކުލަވާލުމުގައި ބިލު އަމާޒުވާ ނޫސްވެރިންނާ މި ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތި ބިލު އެކުލަވާލާފައިވާތީ މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އަމިއްލަ މެންބަރަކު ހުށަހެޅި ކަމުގައި ވިޔަސް މިއީ ރިއަޔަތް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި ކަންބޮޑުވުންތަކުގެ މައްޗަށް ބިނާކޮށް ކައުންސިލުގެ 14 މެންބަރުން ބައިވެރިވަޑައިގެންނެވި، ބައްދަލުވުމުގައި މުހިއްމު ކަންތައްތަކެއްވަނީ ނިންމާފައެވެ.
- އެއްވެސް ވަރަކަށް ކައުންސިލާ ނޫސްވެރިންނާވެސް މަޝްވާރާނުކޮށް މަޖިލީހަށް ވައްދާފައިވާ މި ބިލަށް އިތުރު ހިޔާލުތަކެއް ހުށަހެޅުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، މަޖިލީހުން މުޅި ބިލު ބަލައިނުގަތުމަށް ކަމާ ބެހޭ ފަރާތްތަކަށް ދެންނެވުން.
- މި ބިލާ ދެކޮޅަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށާއި ކަމާ ގުޅުން ހުރި ފަރާތްތަކާއެކީ ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ކައުންސިލް. މެންބަރުންގެ މެދުގައި ވޯކިން ގްރޫޕެއް އެކުލަވާލުމަށް، މި ވޯކިން ގުރޫޕް ގައި މެންބަރު ހައްވާ ވަޖުދާ، މެންބަރު ފާތިމަތު ނަހުދާ ފާއިޒު، މެންބަރު ނަޖާހް މަސްއޫދް، މެންބަރު މުހައްމަދު މުޒައްޔިނު ނާޒިމް، މެންބަރު ލީވާން އަލީ ނާސިރު، އަދި މެންބަރު ފާތިމަތު ޝަނާ މުހއްމަދު ހިމެނުން.
- ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓަކަށް އެދުމަށް.
- ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލް" އަށް ކައުންސިލުން އިތުރު ހިޔާލުތަކެއް ހުށަހެޅުން.
- ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް އަދި މިނިވަން ނޫސްވެރިކަމެއްގެ މުހިންމުކަމާއި ގުޅޭ ޕޯސްޓުތައް ތައްޔާރުކޮށް ކައުންސިލްގެ ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް.
- ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލް" ބަލައި ނުގަތުމަށް ޕީޖީ ގުރޫޕްތަކަށް ލިޔުމުން ދެންނެވުމަށް.
މީގެ އިތުރުން މި ބަޔާނުގައި ބުނީ ޒިންމާދާރު ނޫސްވެރިކަމުގެ ވެއްޓެއް ގާއިމުކޮށް ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި ނެގެހެއްޓުމަށް ދާއިރާއަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކައުންސިލުން ގަބޫލުކުރާ ކަމަށެވެ. އަދި އެކަން ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދޭން ޖެހޭ އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތްކަން ކައުންސިލުން ވަނީ ހާމަކޮށްފައެވެ.