އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފުދެއްވައި ގުޅިގެން ދެ ބޭފުޅުންވެސް މިނިވަންކޮށްފިއެވެ.

އެކަން "ދަ ޕްރެސް" އަށް ވަނީ ކަށަވަރުވެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ ވަނީ އިއުތިރާފު ވެފައެވެ. އަދި މި މައްސަލައިގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ޒިޔަތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުރެއެވެ. އިތުރު 3 ދައުވާއަކާ ގުޅިގެން ޒިޔަތުގެ މައްޗަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއާއެކު ޒިޔަތު ތަންފީޒުކުރައްވަމުން ގެންދެވީ 32 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް މިނިވަންވެވަޑައިގެންނެވިއިރު ހުންނެވީ ގޭގައެވެ.

އެ އަދަބަކީ 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި ބޭރު ފައިސާ ގަތުމަށް ދައުލަތުގެ އެކި ކުންފުނިތަކުން އެމްއެމްޕީއާރްސީ އަށް ފައިސާ ހޯދުމަށްފަހު އެފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރި މައްސަލައާއި، ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީން އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި ފައިސާ ދޫކޮށް، އެފައިސާއަށް ހިޔާނާތްތެރި ވެފައިވާ ކަމަށް ތުހުމަތުކުރި މައްސަލައެކެވެ. އެ މައްސަލާގައި ޒިޔަތު ވަނީ ޕީޖީއާއެކު އެއްބަސްވުމެއްވެސް ހަދާފައެވެ.

އެ ޖަލު އަދަބުތަކުން އަދީބާއި ޒިޔަތު މިނިވަންވިކަން "ދަ ޕްރެސް" އަށް ކަށަވަރުވެފައިވާއިރު އެކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.