މީޑިއާ ވިލެޖް ހިމެނޭ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ހިންގުން، "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކުރުމަށް އެޗްޑީސީއިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެޗްޑީސީއިން ބުނީ ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް 'މެންހަޓަން ގްރޭންޑް ހޮޓެލް'ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވަނީ 50 ޕަސެންޓް ފޮރިން އިންވެސްޓްމަންޓާއެކުގައި ކަމަށެވެ.
މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ 'ޑީޕް ސީފުޑް ކޮމްޕެނީ' އިންކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.
ހުޅުމާލޭގައި ތަރައްގީކުރާ އެ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް)ގައި މީޑިއާ ވިލެޖް އަދި ގައުމިއްޔަތު އިންސްޓިޓިއުޓްގެ އިތުރުން އެމްއެންޔޫ މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެއެވެ. މަސައްކަތް ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި އެތަންތަން އެއްކޮށް ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
އެ ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑާޑްގެ 158 ކޮޓަރި ތަރައްގީ ކުރުމަށް ހަމަޖެހިފައި ވާކަން ފާހަގަކޮށް އެޗްޑީސީއިން ބުނީ އެ މަސައްކަތް ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެއީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެއްކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.