އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފުދެއްވުން ދަ ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފިއެވެ.

ޑިމޮކްރެޓްސްއިން ބުނީ ވައްކަމާއި ހިޔާނާތުގެ ކުށަށް އެކަށީގެންވާ އަދަބެއް ނުލިބޭނޭކަން ސިޔާސީންނަށް ޔަގީންކޮށްދެއްވުމަށް ދިވެހި ރައްޔިތުންގެ ގައުމީ މަސްލަހަތުތަކާ ދިމާ އިދިކޮޅަށް އަޅުއްވާފައިވާ މި ފިޔަވަޅަކީ ރައީސްއަށް ލިބިވަޑައިންނަވާ ގާނޫނީ އިހްތިޔާރުތަކާއި، ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ހިއްޕެވުން ކަމުގައި އެ ޕާޓީއިން ދެކޭ ކަމަށެވެ.

ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރުގެ މުއްދަތު މުޅިންހެން ހޭދަކުރެއްވީ ނަމުން "ޒީރޯ ޓޮލަރަންސް"ގައި ނަމަވެސް، ކަމުން ވައްކަމާއި، ހިޔާނާތާއި، ފަސާދައިގެ ތެރޭގައި ކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ. އަދި ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތައް މެދުވެރިކޮށްގެން ވާގިވެރިންނާއި، ގާތްތިމާގެ އާއިލީ ބޭބޭފުޅުންނާއި، އަމިއްލަފުޅަށް ފައިދާތައް ހޯއްދެވި ކަމަށް އެ ޕާޓީއިން ތުހުމަތު ކުރެއެވެ.

ރިޝްވަތާއި ވައްކަމުން ކެމްޕޭނަށް ފައިސާ ހޯއްދަވާ، ހަރަދުކުރައްވާފައިވާ ކަމަށާއި ޖަވާބުދާރީވުމާއި އަދުލުވެރިކަމުގެ ސިފަތައް ދިވެހި ދައުލަތުން ނައްތާލެއްވުމަށް ރައީސް މަސައްކަތް ކުރެއްވި ކަމަށް ވެސް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

ދެވަނަ ދައުރެއް ހޯއްދެވުމުގެ ބޭނުމުގައި ހިންގެވި ޖަރީމާތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކެމްޕޭނަށް ހޯއްދެވުމުގެ ޑީލެއްގެ ދަށުން ކުރީގެ ނައިބް ރައީސްއާ މުއާމަލާތްކުރައްވާފައިވާ ކަމުގެ ތުހުމަތު އުފުލިފައިވާކަން ފާހަގަކޮށް ޑިމޮކްރެޓްސްއިން ބުނީ އަދީބު މިނިވަންކުރުމަކީ އެ ތުހުމަތަށް ބާރުދޭ ގަރީނާއެއް ކަމަށެވެ.

ޑިމޮކްރެޓްސްއިން އިތުރަށް ބުނީ ރައީސް ސޯލިހްގެ ނިންމެވުމުގެ ފަހަތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ވާ މިންވަރެއް ބެލުމަށާއި، ދިވެހިރާއްޖޭގެ މަސްލަހަތުގެ މައްޗަށް ދެ މުޖުރިމަކަށް އެންމެ ލުއިގޮތް އިސްކުރުމުގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ނުފޫޒާއި ބާރު، ފައިސާއާއި މަގާމުގެ މުއާމަލާތްތައް ތަހްގީގުކޮށް ދެން ވެރިކަމާ ހަވާލުވާ ޕްރޮގްރެސިވް ކޯލިޝަނަށް ގޮވާލާ ކަމަށެވެ.

އަދީބު މިނިވަންކޮށްފައިވާއިރު އެމްއެމްޕީއާރްސީ މައްސަލައިގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ. އަދި ޒިޔަތު މިނިވަން ކުރި އިރު އޭނާ ދިޔައީ އޭނާގެ މައްޗަށް 4 ދައުވާއެއް ސާބިތުވެ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.