ތެލަސީމިއާ ކެރިއަރުން ކައިވެނި ކުރުމުގެ ކުރިން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ލާޒިމުކުރަން ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުނުކުރައްވައި، އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި ބިލަކީ، އޮގަސްޓް 6، 2025 ވީ ބުދަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަސްދީގުކުރެއްވުމަށް ފޮނުވާފައިވާ ބިލެކެވެ.

ރައީސް މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީއެވެ.

ރައީސް އޮފީހުން ބުނީ، ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ވަށާޖެހިފައިވާ ގައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި ބިލަށް އިސްލާހު ގެންނަވަން ރައީސްއަށް ފެނިވަޑައިގަންނަވާތީ މި ބިލު އިސްލާހްކުރުމަށް އެ މަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

އެހެން ކަމުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިސްލާހްތަކާ މެދު ވިސްނުމަށް ރައީސް ވަނީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާފައެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ. އެގޮތުން ކައިވެނިކުރަން އެދޭ ދެ މީހުން ހުއްދައަށް އެދި ކައިވެނީގެ ރަޖިސްޓްރާއަށް ހުށަހަޅަންވާނީ ތެލަސީމިއާއަށް ޓެސްޓުކުރުމަށް ފަހު އެ ޓެސްޓުގެ ނަތީޖާއާ އެކުގައި ކަމަށް ބުނެފައިވެއެވެ. އަދި ޓެސްޓުގެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބޭނެ މީހުންނަމަ، އެފަދަ ކައިވެންޏެއް ކޮށްދޭންވާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހު ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ޕްރޮގްރާމް ފުރިހަމަކުރަންޖެހޭ މީހުންނާއި، އެ ޕްރޮގްރާމްގައި އެކުލެވޭ ބައިތައް ހިމަނަންޖެހޭނެއެވެ.