މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ ގުޅިގެން ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުފީދެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ މީހުން ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރަނީ

- ގާނޫނު ނަންބަރު (32/2015) ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު: ޓީވީ، ރޭޑިއޯ އަދި އިންޓަނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މައުލޫމާތު ފެތުރުން - 10ވަނަ މާއްދާގެ (ހ) ގާނޫނުގެ އަށްވަނަ މާއްދާއާއި ނުވަވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޓެލެވިޒަން ނުވަތަ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކުރުމުގެ ކުށް.

- ގާނޫނު ނަންބަރު (9/2014) ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު - އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުކުރުން - 615 ވަނަ މާއްދާގެ (ހ) ގެ ހަވަނަ ނަންބަރު؛ އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަގްސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުން.

- ގާނޫނު ނަންބަރު (9/2014) ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު - ކުށެއް ކުރަން އުޅުން - 80 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރު، ކުށެއް ކުރުމަށް ޓަކައި ކުށުގެ ނިޔަތް އޮތުން.

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.