އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލަ އާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ އަބްދުއްރަހްމާން އާދަމް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 3 މީހަކު ވަނީ ހައްޔަރުކޮށްފައި ވާކަމަށާއި، މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރާނެކަމަށެވެ.
އަބްދުއް ރަހްމާންގެ މަރަށް އެއް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ ތިން ޒުވާނުންނެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނުގެ ބައެއް ޑޭޓާތައްވެސް ނަގާފައެވެ.
މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ސިއްހީ މަރުކަޒަކަށް އެންގީ އޭނާގެ އަންހެނުންނެވެ. އަބްދުއްރަހުމާން އާދަމް ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަމަށް އަބްދުއްރަހުމާންގެ އޮޓޮޕްސީ ވަގުތީ ރިޕޯޓުގައި ވަނީ ބުނެފައެވެ.