ސުވިޑަންގެ ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގެން ފުރަތަމަ އަންހެން ބޭފުޅާ މަގާމާ ހަވާލުވިވަޑައިގެންތާ މާ ގިނަ އިރެއް ނުވެ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ސުވިޑަންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެގްޑަލެނާ އެންޑާސަން ބޮޑުވަޒީރު ކަމުގެ މަގާމަށް ހޮވިވަޑައިގެންފައި ވަނީ އޭނާގެ ޕާޓީއާ ސުވިޑަންގެ ގްރީން ޕާޓީއާއެކު އުފެއްދި އިއްތިހާދުގެ ސަރުކާރުގެ އިސްވެރިޔާގެ ގޮތުންނެވެ.

ސުވިޑަންގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 349 މެމްބަރުންގެ ތެރެއިން 174 މެމްބަރުން އޭނާއަށް ވޯޓު ދިނުމަށް ދެކޮޅު ހެއްދެވި އިރު 117 މެމްބަރު ވޯޓު ދެއްވީ އޭނާއަށެވެ. އަދި އިތުރު 57 މެމްބަރު ވޯޓުގައި ބައިވެރިވަޑައިނުގެންނެވި އިރު އެންޑަސާން ބޮޑުވަޒީރު ކަމަށް ހޮވުނީ އެއް ވޯޓުގެ ތަފާތުންނެވެ.

އެންޑާސަން ބޮޑުވަޒިރު ކަމަށް ހޮވުމުން އޭނާއަށް ތަރުހީބު ދެނީ/ ފޮޓޯ: ރޮއިޓާސް

އެހެން ނަމަވެސް އޭނާ ބޮޑުވަޒީރު ކަމަށް ހޮވުނުތާ އެއް ދުވަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދޭން ޖެހި ވަޑައިގެންނެވީ އިއްތިހާދުގެ ސަރުކާރުގައި ހިމެނޭ ގްރީން ޕާޓީން ކޯލިޝަނުން ވަކިވެ އޭނާ ހުށަހެޅުއްވި ބަޖެޓް މަޖިލީހުން ފާސް ނުވުމުންނެވެ.

މަޖިލީހުން އެންމެ ފަހުން ފާސް ކުރީ އިދިކޮޅު ޕާޓީއިން ހުށެހެޅި ބަޖެޓެވެ.

އެންޑަސާން ވަނީ އަލުން ބޮޑުވަޒީރު ކަމަށް ވަޑައިގަންންނަވާނެ ކަމަށް ވައުދުވެޑައިގެންފައެވެ. އަދި ދެން ސާރުކާރެއް އުފައްދާނީ އަމިއްލަ ޕާޓީ ހިމަނައިގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.