ޑެންމާކްގެ ހަރުކަށި ފިކުރުގެ ޖަމާއަތަކުން އިއްޔެ އަނެއްކާވެސް މުސްހަފެއް އަންދާލައިފިއެވެ.
ޑެންމާކުގެ ވެރިރަށް ކޮޕަންހޭގަންގައި ހުންނަ އިރާގުގެ އެމްބަސީ ކުރިމަތީގައި ކުރިއަށް ދިޔަ މުޒާހަރާގެ ބައިވެރިން ވަނީ ވަރަށް ބޮޑަށް އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައެވެ. މި ގޮތުން އިސްލާމް ދިނާ ދެކޮޅު ޝުއޫރުތައް ހިމެނޭ ބެނާތަކާއެކު އެމީހުން ވަނީ އިރާގުގެ ދިދަވެސް ބޭނުން ކޮށްފައެވެ. މި މުޒާހަރާގެ ބައިވެރިންގެ ހިމާޔަތުގައި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ވީޑިއޯތައް ދައުރުވަމުން އަންނައިރު މިކަމާ ދެކޮޅަށް މުސްލިމް ގައުމުތަކުގައި ވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ.
ޑެންމާކުގައި ކުރިއަށް ދިޔަ މުޒާހަރާ އިންތިޒާމު ކުރި ފަރާތުން ވަނީ މިއީ މިދިޔަ ބުރާސްފަތި ދިވަހު އިރާގުގައި ހުންނަށް ސްވިޑަން އެމްބަސީގައި ރޯކޮށްލުމުގެ ބަދަލު ކަމަށް ބުނެފައެވެ. އަޟްހާ އީދު ދުވަހު ސްވިޑަންގައި ވެސް މުސްހަފެއް އަންދާލާފައި ވާއިރު މިކަމާ ދެކޮޅަށް އިރާގުގައި ކުރިއަށް ދިޔަ މުޒާހަރާއެއްގެ ބައިވެރިން ވަނީ އެ ގައުމުގައި ހުންނަ ސްވިޑަން އެމްބަސީގައި ރޯކޮށްލާފައެވެ. މި އަމަލު އިރާގު ސަރުކާރުން ކުށްވެރިކޮށް އެކަން ކުރި މީހުންނަށް ހައްގު އަދަބު ދޭނެކަމަށް ބުނެފައި ވަނިކޮށް އަނެއްކާވެސް މުސްހަފެއްގައި ރޯކޮށްލުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށް ދުނިޔޭގެ މުސްލިމް ގައުމުތަކުން ވަނީ ބުނެފައެވެ،
މި އަހަރު ކުރީ ކޮޅުވެސް ޑެންމާކުގައި މުސްހަފެއްގައި ރޯކޮށްލާފައި ވާއިރު ފަހަކަށް އައިސް ސްވިޑަން އަދި ޑެންމާކުގައި މުސްލިމުން ރުޅިއަރުވާ ހަމަނުޖެހުން އުފެއްދުމަށް ބޭނުންކުރާ ހަތިޔާރަކަށް މިކަން ވަނީ ވެފައެވެ.