ބަރަކާތްތެރި އަޟްހާ އީދު ދުވަހާ ދިމާކޮށް ސްވިޑަންގައި ކީރިތި ގުރުއާނުގެ މުސްހަފެއް އެންދުމުގެ ސަބަބުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެޖަމިއްޔާއިން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ އާދިއްތަ ދުވަހުގެ މެންދުރު ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައި ދިވެހިރާއްޖެއިން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު މުހައްމަދު ހަލީލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިބައްދަލުވުމުގައި ސްވިޑަންގައި މުސްހަފެއް އެންދުމާ ގުޅިގެން އެފަދަ އަމަލުތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރުމާއި އެފަދަ އަމަލުތައް ތަކުރާރުކޮށް ހިންގަމުން ދާތީ އޯއައިސީ އިން ގުޅިފައިވާ ބަޔާނެއް ނެރުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ވަނީ ސްވިޑަންގައި ކީރިތި ޤުރުއާނުގެ މުސްހަފެއް އެންދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފައިވާއިރު އެ ބަޔާނުގައި ވަނީ އެފަދަ އަމަލުތަކަކީ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށެވެ. އަދި އެފަދަ އަމަލުތައް ތަކުރާރުކޮށް ހިންގުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންގެ ދީނީ ޝިއާރުތަކަށް ގެއްލުންދެނިވި ކަމެއް ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރަށް އެ ބަޔާނުގައި ވަނީ ގުރުއާން އެންދުންފަދަ އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭފަދަ އަމަލުތަކުގެ ސަބަބުން އެކި ފިކުރާއި އަގީދާތަކުގެ މީހުން އެކުގައި ހަމަޖެހިގެން ދިރިއުޅުމުގެ އުސޫލުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭކަން ވެސް ފާހަގަކޮށްފައެވެ.

ދިވެހިރާއްޖެއިން ވަނީ އިސްލާމް ދީނާ ދެކޮޅު މިފަދަ އަމަލުތައް ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.